ޚަބަރު

މަޖިލީހާއި ސަރުކާރާ ޖެހޭކަށް ޖާގައެއް ނުދޭނަން: ޢަބްދުއްރަޙީމް


  • އައު މަޖިލީހުގެ ރައީސަކަށް ޢަބްދުއްރަޙީމް އިންތިޚާބުކުރުމަށް ވަނީ ނިންމާފައި

  • ޕީއެންސީގެ މެންބަރުންގެ ޢަދަދު 70އިން މައްޗަށް އަރާ

  • މަސައްކަތްކުރާނީ މަޖިލީހާ ސަރުކާރާ ގުޅިގެންކަމުގެ ޔަޤީންކަން ދެއްވި

ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހާ ސަރުކާރާ ޖެހޭކަށް ޖާގަ ނުދެއްވާނެކަމަށާއި މަސައްކަތް ކުރައްވާނީ މަޖިލީހާ ސަރުކާރު ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިމަހުގެ 28ގައި ހުވާކުރާ އައު މަޖިލީހުގެ ރައީސަކަށް ޢަބްދުއްރަޙީމް އިންތިޚާބުކުރުމަށް ޕީއެންސީގެ އިންތިޚާބީ މެންބަރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.

ޢަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާ ރާއްޖެ މިއަދު ޕްރޮގްރާމް މިރޭ 21:00ގައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެއެވެ

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މާޒީއަށް ބަލާއިރު އެމަނިކުފާނަށް ސިޔާސީ މަސައްކަތް ކުރެވޭނެކަން ޤަބޫލުކުރާ ބަޔަކު ތިބޭނެކަމަށެވެ. އެހެންކަމުން އެއްވެސް މައްސަލައެއް ދިމާނުވެ ޕާޓީއާއި ސަރުކާރު ހިންގޭނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން އެބައޮތްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑާ ރައީސް ޑރ. މުޢިއްޒާ ދޭތެރޭ އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ދިމާ ނުވާނެ. މަޖިލީހާ ސަރުކާރާ ޖެހޭކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެއަށްވުރެ ބޮޑަށް ގުޅިގެން އެކީގައި މަސައްކަތްކުރާނީ. އޭގެ މާނައަކީ ދެބާރު އެއްވަނީއެކޭ ނޫން." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣަލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީއަށް ދިނީ ރައްޔިތުންގެ އުންމީދުތަކެއް އެޕާޓީއާއި މިހާރުގެ ވެރިކަމާއި، އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާއާއި ގުޅިފައިވާތީކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާޢީދު އޮތްކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންކަމުން އަމާޒަކަށް ވާނީ ރައްޔިތުން ބޭނުންވާ ކަންތައްތައްކުރުންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެއްވެސް ދަތިކަމެއް ނޫން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަތްދިހަ އެތަށް މެންބަރުންނަކާ އެކީގަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާކަށް. ފިތުނަ ފަސާދައަކަށް، ބައިބައިވުމަކަށް ޖާގައެއް ނޯންނާނެ. އެއަށްވުރެ މާ ގާތުން ރައީސް ޑރ. މުޢިއްޒު ޕާޓީގެ ކަންކަން ބައްލަވާ." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.


ޢަބްދުއްރަޙީމް ވިދާޅުވީ އައު މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށެވެ. އެގޮތުން ކޮންމެ މެންބަރަކަށްވެސް ރައިސުލްޖުމްހޫރިއްޔާއާއި ވާހަކަ ދެއްކޭނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި މަޖިލިސްތަކުގެ މެންބަރުންނާއި ރައީސާއި ބައްދަލުނުކުރެވި ގިނަ ދުވަސްވެފައި އެބަހުރިކަމަށާއި، މެންބަރުންނާއި ސަރުކާރާ ދެމެދު މައްސަލަތައް ދިމާވާން ދިމާވަނީ އެހިސާބުންކަން އަމިއްލަފުޅު ތަޖުރިބާގެ ޢަލީގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"މައްސަލަ ދިމާވަނީ މެންބަރާ ވަޒީރުންނާ ރައީސާ ބައްދަލު ނުވާތީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެންބަރުންނަށް އޮތް ޔަޤީންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެކަން އެހިސާބަށް ދިޔަ ނުދޭނެކަންކަށެވެ. އެކަމަށް އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕާލިމަންޓްރީ އެފެއާޒެއް އުފެއްދެވުންކަމަށް ވިދާޅުވިއެވެ. އަދި އެ އެތަން ވަރުގަދަ ކުރައްވަމުންދާކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޕާލިމަންޓްރީ އެފެއަރޒެއް އުފެއްދެވުމުގެ ބޭނުމަކީ މެންބަރުންނަށް ޤާނޫނާ ޤަވާއިދުގެ ތެރެއިން ކޮށްދޭންޖެހޭ ކަންކަންކޮށްދިނުމަށްކަަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.