ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ނާޒިމް އައްޔަން ކުރެއްވުމަށް ޕީޕަލްސް ނޭޝަލް ކޮންގްރެސް، ޕީއެންސީ ނިންމައިފިއެވެ. މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ އިންތިޚާބީ މެންބަރުންނާއި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މުލިއާގޭގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހުގެ މަގާމުތަކަށް ކަނޑައެޅުއްވުމަށް ބޭނުންފުޅުވާ ނަންތައް ހުށަހަޅުއްވާފައެވެ. އެގޮތުން، އެމަނިކުފާނު ހުށަހެޅުއްވީ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރެއްވުމަށެވެ. އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބު ކުރުމަށެވެ.
މި ނަންތައް ޕީއެންސީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުން ހުވާކުރެއްވުން އަންނަ ހަފުތާގެ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އެ އިންތިޚާބުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ، ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސުން ވަނީ ނަގާފައެވެ.
ވިހި ވަނަ މަޖިލިސް ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި އެހެނިހެން މަގާމުތަކަށް މެންބަރުން އައްޔަން ކުރާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި 20 ވަނަ މަޖިލީހަށް ވާދަކޮށް 66 ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް މެންބަރަކު ވެސް މިހާރު އެ ޕާޓީއާ ގުޅިވަޑައިގަތުމާއެކު މިހާރު މަޖިލީހުގައި ކޮންގްރެސް ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 74އަށް އަރާފައެވެ.