ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ 6 އަތޮޅަށް އޮރެންޖް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެއިން ފެށިގެން އެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އޮރެންޖު އެލަރޓް އަންނަނީ ނެރެމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބޭ އޮފް ބެންގޯލް ސަރަޙައްދުގައި އުފެދެމުންދާ ކޮޅުގަނޑުގެ އަސަރުވެސް ރާއްޖެއަށް ކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށެވެ. މި ކޮޅުގަނޑުގެ ބާރު އެންމެ ގަދަވާނެކަމަށް ލަފާކޮށްފައިވަނީ މިއަދު ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މިވަގުތު އޮރެންޖް އެލަރޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރު ނެރެފާ އޮރެންޖް އެލަރޓަކީ އާދަޔާ ޚިލާފައި ވައި ގަދަވަމުންދާތީ ނެރެފައިވާ އެލަރޓެކެވެ. އެގޮތުން އާއްމުގޮތެއްގައިވެސް ވައި ޖެހޭނީ 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މެޓް އޮފީހުން ވިދާޅުވެފައިވާއިރު، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި ޖެހޭ ވައިގައި ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. ވައިގަދަވެ މޫސުން ގޯސްވާނެތީ އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތައް ހިމެނޭހެން ޔެލޯ އެލަރޓެއްވެސް ވަނީ ނެރެފައެވެ. މި ސަރަޙައްދުތަކަށް ގަދަވަޔާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމާ، ކޮންމެހެން ކުރަންޖެހޭ ދަތުރަކަށް ނޫނީ ކަނޑުމައްޗަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.