ޚަބަރު

ޗައިނާ އާއި އިންޑިއާއާއެކު ކުރެވޭ މަސައްކަތްތަކުން ދިވެހި ރުފިޔާ ވަރުގަދަވާނެ: ސަޢީދު


  • ޗައިނާ އާއި އިންޑިއާއިން އަހަރަކު 1.5 ބިލިއަނެއްހާ ޑޮލަރުގެ މުދާ އެތެރެކުރޭ

  • ޗައިނާ އާއި އިންޑިއާ ފައިސާ ބޭނުންކޮށްގެން މުދާ ގެނެވޭ ގޮތް ހެދުމަށް ދަނީ މަޝްވަރާކުރަމުން

ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ކުރައަންނަ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާ ކަމަށެވެ. އަދި ހަމަ އެ އަދަދާ ގާތްކުރާ އަދަދަކަށް ޑޮލަރުން ފައިސާ ދައްކައިގެން އިންޑިއާއިން ވެސް މުދާ ގެންނަ ކަމަށާއި ދެ ޤައުމުން 1.5 ބިލިއަނެއްހާ ޑޮލަރުގެ މުދާ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ގެންނަ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޗައިނާ އަދި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ޤައުމުތަކުގެ ފައިސާއިން ފައިސާ ދެއްކޭގޮތް ހެދުމަށް މަޝްވަރާ ކުރެވުމުންދާ ކަމަށް ސަޢީދު ވިދާޅުވިއެވެ. މި ބަދަލާއެކު ރާއްޖޭން މުދާ ގެނައުމަށް ހޭދަކުރާ ޑޮލަރުގެ ޑިމާންޑު ކެނޑިގެންދާނެ ކަމަށާއި އޭގެ ސަބަބުން ދިވެހި ރުފިޔާ ބާރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ޓްރޭޑް ފެސިލިޓޭޝަނަށް ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވަނީ ވިދާޅުވެފައި. ހަމައެއާއެކު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރުވެސް ވިދާޅުވި އިންޑިއާ ސަރުކާރުގެ ޝައުގުވެރިކަން އެބަހުއްޓޭ،" އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވަނީ ބީއެމްއެލް މެދުވެރިކޮށް ޗައިނާގެ ވީޗެޓް ޕޭ ގެ ޚިދުމަތް ވެސް ތައާރަފު ކޮށްފައެވެ. އަދި އިންޑިއާގެ "ރޫ ޕޭ" ގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ވެސް ދިވެހި ރުފިޔާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި ކަޅު ބާޒާރެއް ވެސް ވަނީ އުފެދިފައެވެ. ޑޮލަރުގެ މައްސަލަ ހައްލުކޮށް ދިވެހި ރުފިޔާ ވަރުގަދަކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ.