ޚަބަރު

ޕޮއެޓްރީ ތެރަޕީއަށް ދިވެހިން ކިޔާނީ "ޅެންފަރުވާ"


  • ބަސް ކަނޑައަޅާފައިވަނީ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރުމަށްފަހު

"ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމަކީ "ޅެންފަރުވާ"ކަމަށް ކަނޑައަޅައިފިއެވެ.

"ޕޮއެޓްރީ ތެރަޕީ"އަށް "ޅެންފަރުވާ" މި ނަން ދިނުމަށް ފާސްކޮށްފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީންނެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ބަހުގައި "ޅެންފަރުވާ"ގެ މާނައަކީ ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއްކަމަށެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއްކަމަށްވެސް ވަނީ ބުނެފައެވެ.

ބަސްކޮމެޓީން މި ނަން ފާސްކުރުމާއިއެކު މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައިވެސް ހިމަނުއްވައިފައެވެ.

ޅެންފަރުވާގެ ޢިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާގައި ސޮއިކުރުން މި މަހު އޮންނާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެއެވެ.

މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އބްރާހީމް އިޢުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރައިފައިވާ މުޖުތަމަޢުތަކުގައި ހިފާ ޢިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހީންގެ ތެރޭގައި ވެސް އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށް ޓަކައި މުހިންމުކަމެއްކަމަށެވެ.

ޅެންފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާ އެ ވުޒާރާގެ ފަރާތުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އަދި ދަމަަނަވެށީގެ ފަންނީ ބައެއް ބޭފުޅުންނާއެކު މަޝްވަރާ ކޮށްފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.