ޚަބަރު

ވައިގަދަވެ ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފި


  • ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލުވަނީ ނެރެފައި

  • ވައިޖެހޭނީ ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފައެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 10:30 އަށެވެ. މިއަދު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރައި، ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހުރިހައި ސަރަހައްދުތަކަށްވެސް އާންމުގޮތެއްގައި ވައި ގަދައިރު ވައި އެންމެ ގަދަވާނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކަނޑުތައްވެސް އުޅޭނީ އާންމުގޮތެއްގައި ގަދަކޮށްކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 9 ފޫޓާއި ދެމެދުގައެވެ.

ވިއްސާރައިގެ އިތުރުން އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ނުކުރުމާއި، ކަނޑުދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.