ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަމުންދާ މަޝްރޫޢުތައް ރަނގަޅަށް ކުރިއަށްދާކަމަށް އެ ޤައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ސުބްރަމާންޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.
ޖަޔަޝަންކަރު މިހެން ވިދާޅުވީ އިންޑިއާގެ އިޤްތިޞާދީ ކުރިމަގާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ސީއައިއައި އެނުއަލް ބިޒްނަސް ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކަށް ސިޔާސީގޮތުން ކުދި ގޮންޖެހުންތަކެއް ދިމާވިކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ކުރިއަށްދަނީ ރަނގަޅަށްކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.
ޖަޔަޝަންކަރު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު ކުރިއަށްވުރެ ރަނގަޅަށް ބިނާކުރަނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޔަޝަންކަރާ ބައްދަލުކުރައްވައި އިންޑިއާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިންޑިއާގެ އެހީގައި ހިންގާ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާތީ އެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމާ، އޭގެ ފައިދާ ރައްޔިތުންނަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާ ސަރުކާރުން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ. އެގޮތުން، މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް އެ ޤައުމުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.