މިއަދަކީ ދުނިޔޭގެ "ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ޑޭ" ނުވަތަ މުވާސަލާތީ ދުވަހެވެ. އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންއިން ކޮންމެ އަހަރެއްގެ މޭމަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަން ނިންމާފައިވަނީ 2006 ވަނަ އަހަރުގައެވެ.
ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު ޑިޖިޓަލް ޓެކްނޮލޮޖީ މި ވަނީ ދުވަހުން ދުވަހަށް ކުރިއަރަމުން އައިސް، ދިރިއުޅުމުގެ ގިނަ ކަންކަން ޓެކްނޮލޮޖީއާ ނުލާ ނުކުރެވޭ ހިސާބަށް އައިސްފައެވެ. ސްކޫލް ދަރިވަރުންގެ ކިޔެވުމާއި މަސައްކަތާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން މި ވަނީ މުވާސަލާތީ އެކިއެކި އާލާތްތައް މެދުވެރިކޮށް އިތުރަށް ފަސޭހަ ވެފައެވެ. މުހިންމު މައުލޫމާތު ހޯދުމާއި ދުރުގައި ތިބޭ އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް އިތުރަށްފަހިވެ، ފަސޭހަވެފައިމިވަނީ ހުއްޓުމެއް ނެތި ތައާރަފްކުރަމުންދާ ތަފާތު ޑިޖިޓަލް ވަސީލަތްތަކުގެސަބަބުންނެވެ. ހަމަ އެއާ އެކު، ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރަން ވެސް ޑިޖިޓަލް ޓެކޮނޮލޮޖީ މުހިންމު ދައުރެއް އަދާކުރެއެވެ.
މުވާސަލާތި ހިދުމަތުގެ މި ދާއިރާއަށް ބަލާލާއިރު ފެންނަނީ ޓެކްނޮލޮޖީގެ ސަބަބުން ހުރިހާ ދާއިރާއަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު އިންގިލާބެއް އައިސް، ދުނިޔެ އާރާސްތުވަމުން އަންނަތަނެވެ.
އެގޮތުން އިންޓަނެޓް ބޭނުންކުރާ މިންވަރާއި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ހަލުވިކަމާ އެކު އިތުރުވެގެން އަންނައިރު، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް އަދި ކުރިއަރަމުން އަންނަ މި ޓެކްނޮލޮޖީތައް ތަންފީޒުކުރުން ވަރަށް ބޮޑަށް ބަރޯސާވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައްޗަށެވެ. އެގޮތުން ހަރުދަނާ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ވިޔަފާރިތަކުން ތަފާތު އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު މިހާރު ރާއްޖޭގައި ފަހިވެގެން ގޮސްފައި ވުމަކީ ދިވެހިންނަށްވެސް ލިބޭ އިތުރު ފަސޭހައެކެވެ.
ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންފޮރމޭޝަން ސޮސައިޓީއާއި ގުޅޭ މުހިންމު ކަންކަން ދުނިޔޭގެ ސަމާލުކަމަށާއި އަދި ގައުމުތަކުގެ ރައްޔިތުންނާއި އިސްވެރިންގެ ސަމާލުކަމަށް ގެނެސް ކުރިމަގުގައި އެކަންކަމާއި ގުޅޭ މައްސަލަތާއި ހުރަސްތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމެވެ.
މިދުވާހާ ގުޅިގެން ޕީއެސްއެމް ނިއުސްގެ އިން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީޕް އެގްޒެކްޓިވް އިލްޔާސް އަހުމަދު ވިދާޅުވީ މި ފަދަ ދުވަހެއް އިލްޔާސް ވިދާޅުވީ ދުނިޔޭގެ މުވާސަލާތީ ކަންކަމަށް ބަލާއިރު މިހާރު ހުރިގޮތް ނިސްބަތުން ރަނގަޅުކަމަށެވެ. އަދި އެދެވޭ މިންވަރެއްގައި މުވާސަލާތީ ކަންކަން ވަނީ ކުރިއަރާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު ރާއްޖޭގައި ޖުމްލަކޮށް ދަންނަވާނަމަ ދުނިޔޭގެ އެންމެ ކުރިއަރާފައި އޮތް ގައުމުތަކުގައިވެސް މިހާރު ލިބެން ހުރި މުވާސަލާތީ ޚިދުމަތްތަކާއި ވަސީލައްތައް ފައިވް ޖީ ކަހަލަ ޚިދުމަތްވެސް ފައިބަރ ބްރޯޑް ބޭންޑް މެދުވެރިކޮށް ރާއްޖޭގެ ވަރަށް ބޮޑު އާބާދީއަކަށް ލިބެން އެބަހުރި. އެހެންވީމައި ޖުމްލަކޮށް ދަންނަވާނަމަ ރާއްޖޭގެ މުވާސަލާތީ އަދި އިންފޮރމޭޝަން ޓެކްނޮލޮޖީ އެދެވޭ މިންވަރަކަށް ކުރިއަރާފައި ވާކަން އުފަލާއެކު ފާހަގަކޮށްލަން" އިލްޔާސް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޙިދުމަތްދޭ ކުންފުނިތަކުން ވަނީ މޯބައިލް ސްޕީޑަށް ބެލިޔަސް ދުނިޔޭގެ ގަދަ 30 ގައުމު ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އަދި އެހެން ގައުމުތަކުގައި މޯބައިލް ނެޓްވޯކްގެ ޚިދުމަތް ނުލިބޭ ތަންތަން ހުންނައިރު، ރާއްޖޭގައި ކުދި ރައްތަކުގައިވެސް އެންމެ ހައި ސްްޕީޑުގައި ޚިދުމަތް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މޯބައިލްގެ ޚިދުމަތް ބޭނުންކުރާ މިންވަރު ސަރަޙައްދީ ގައުމުތަކާ އަޅާބަލާއިރުވެސް ރާއްޖޭގައި ނިސްބަތުން މަތީގައި އުޅޭކަމަށް އެ ފަރާއްތަކުން ފާހަގަކުރެއެވެ.
މިއާއެކު ޓެލެކޮމިއުނިކޭޝަން ދާއިރާއިން ރާއްޖެއިން ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުންތަކާއެކު، ސަރުކާރުންވެސް މިވަނީ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެކަން ހާމަކޮށްފައެވެ. އެހެންކަމުން ކުރިއަށް އޮތީ މިދާއިރާއިން ވެސް ފަހި ދުސްތަކެއްކަމުގައި ގަބޫލުކުރެވެއެވެ.