ޚަބަރު

ސްޕެޝަލް ކްލައިމެޓް ޗޭންޖް ފަންޑުގެ އެހީ ހޯދަން ޕްރޮޕޯސަލް ހުށަހެޅުމަށް ވޯކްޝޮޕެއް ބާއްވައިފި


  • މި ޕްރޮޖެކްޓް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ދެކުނަށް

  • އެސެސްމަންޓްސްތައް ނިމުމުން ޕްރޮޖެކްޓް ކުރިއަށްގެންދާނެ ރަށްތައް ފައިނަލްކުރެވިގެންދާނެ

  • މި ޕްރޮޖެކްޓްގެ މުޅި ޑޮކިއުމަންޓް ތައްޔާރުކޮށް މި އަހަރު ޑިސެމްބަރު މަހު ޖެފަށް ހުށަހަޅަން ޖެހޭ

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ ސްޕެޝަލް ކްލައިމެޓް ޗޭންޖް ފަންޑުގެ އެހީ ހޯދުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހުށައެޅި
"އަ ހޮލިސްޓިކް އެޕްރޯޗް ޓު ފުޑް ސިސްޓަމްސް ރެސީލިއަންސް އެންޑް އެޑެޕްޓޭޝަން އިން މޯލްޑިވްސް" ކޮންސެޕްޓް ގަބޫލުކުރުމާ ގުޅިގެން މުޅި ޕްރޮޖެކްޓުގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ ގޮތުން އިންސެޕްޝަން ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކްޝޮޕްގައި ސަރުކާރުގެ މުއައްސަސާތަކާއި ކަމާއިގުޅުންހުރި އެހެނިހެން މަސްލަހަތުވެރިން ބައިވެރިވެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަން ރާވާ ހަރަކާތްކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ޕްރޮޖެކްޓް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ދެކުނަށެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާފައިވަނީ ކަމާއިގުޅުން ހުރި މި ޕްރޮޖެކްޓްގެ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމަށް މިހާރު ކުރިއަށްގެންދާ އެސެސްމަންޓްސްތައް ނިމުމުން ޕްރޮޖެކްޓް ކުރިއަށްގެންދާނެ ރަށްތައް ފައިނަލްކުރެވިގެންދާނެއެވެ. މި ޕްރޮޖެކްޓްގެ މުޅި ޑޮކިއުމަންޓް ތައްޔާރުކޮށް މި އަހަރު ޑިސެމްބަރު މަހު ޖެފަށް ހުށަހަޅަން ޖެހޭކަން ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ ދަނޑުވެރިކަމާއި މަސްވަރިކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ދެ ސިނާއަތުކަމަށެވެ، އެހެންވެ އެސިނާއަތުގެ ހުރިހާ މަރުހަލާއެއްގައި ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަމަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.

މި ޕްރޮޖެކްޓުގެ މަޤުސަދަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާނާ އުފެއްދުމުގެ ނިޒާމަށް ދިމާވާ ހިރާސްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެކަންތައްތަކަށް ޕްރޮޖެކްޓްގެ ތެރެއިން ހައްލުހޯދައިދިނުމަށް މަސައްކަތްކުރުމާއިއެކު ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރުކުރުމަށް މަގުތަނަވަސްކުރުމެވެ. އެގޮތުން އަތޮޅުތަކުގެ ގިނައަދަދެއްގެ ބަޔަކު ކެއުމަށާއި، އާމްދަނީ ހޯދުމަށް ބަރޯސާވާ ދެ ސިނާއަތްކަމުގައިވާ ދަނޑުވެރިކަމާއި މަސްވަރިކަމަށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.