ޚަބަރު

ސައުދީ ފަންޑުގެ އެހީގައި ހިންގާ މަޝްރޫއުތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ސައުދީ ފަންޑުގެ ސީއީއޯ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ޒިޔާރަތްކުރައްވާފައި

ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދާއި މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުން ބާއްވަވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ތަރައްޤީގައި ސައުދީ ފަންޑުގެ ފަރާތުން މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު އެންމެފަހުން ސައުދީއަށް ކުރެއްވި ޢުމްރާ ދަތުރުފުޅުގައި އެ ޤައުމުން އަދާކުރެއްވި މެހެމާންދާރީއަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މިހާރު ސައުދީ ފަންޑުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ސައުދީ ފަންޑުގެ ސީއީއޯ ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ސަރުކާރުން އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސައުދީ ފަންޑުގެ އެހީ ރާއްޖެއަށް ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.