ޚަބަރު

ޕީސީބީއަށް އައްޔަން ކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި


  • ޕީސީބީގެ ރައީސަކަށް އައްޔަން ކުރައްވާފައިވަނީ ހަމްދީ އަގީލް

  • ޕީސީބީގައި 7 މެންބަރުން ތިއްބަވާ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ޕީސީބީއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މަޖިލީހުން ރުހުން ދީފައިވަނީ ޕީސީބީގެ ރައީސް ހިމެނޭހެން 6 މެންބަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. ރަނގަލި 4، ހަމްދީ އަގީލެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވައި، ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާ ހިމެނޭހެން ޕީސީބީގެ 6 މެންބަރަކަށް ރުހުން ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މަޖިލީހުން ރުހުން ދީފައިވާ އިތުރު މެންބަރުން:

  • މ. ބްލޫ އޯޝަން، ލީނާ އަބްދުލް ޖަލީލް/ ބޭންކިންގ ދާއިރާ
  • ރަންކޮކާގެ، ށ. ކޮމަންޑޫ، މޫސާ ފަތުހީ އާދަމް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
  • ހުޅުމާލެ ފްލެޓް 06-ޖީ-139، ހަސަން ޒަރީރު/ އިކޮނޮމިކްސް ދާއިރާ
  • ގ. މައްސާގުގެ، އަހުމަދު ނަޝާތު/ ޤާނޫނީ ދާއިރާ
  • ކޮކާގެ، ހއ. ކެލާ، މުޙައްމަދު އާޒާދު/ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާ

މި މެންބަރުންގެ އިތުރުން މިހާރު އެ ބޯޑުގައި އިންނަވަނީ ނައިބު ރައީސް މުޙައްމަދު ފިރާޒުއެވެ.

މަޖިލީހުން ޕީސީބީގެ މެންބަރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާގައި ވޯޓު ދެއްވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެގޮތަށް ފާސްކުރުމުންނެވެ.

އެ ކޮމިޓީން ޕީސީބީގެ 7 މެންބަރުންނަށްވެސް ރުހުން ދިނުމަށް ފާސްކުރެއްވީ ހުރިހާ މެންބަރުންނާ އިންޓަވިއު ކުރުމަށްފަހުއެވެ.