ޚަބަރު

އެސްޓީއޯ ސްމާޓް ސްޓޯރގެ ޚިދުމަތް މިހާރު 24 ގަޑިއިރު ލިބޭނެ


  • ކޭޝިއަރެއް ނުހުންނަ ފީހާރައިން ވިޔަފާރި ކުރެވޭނީ ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ "ސްމާޓް ސްޓޯރ"އިން 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ކުރިން ހިންގި އެސްޓީއޯގެ ފިހާރަ ހުންނަ ތަނުގައި ސްމާޓް ސްޓޯރ ހުޅުވީ މިދިޔަ އަހަރުއެވެ.

ހުޅުމާލެ އެސްޓީއޯ ސްމާޓް ސްޓޯރ ކުރިން ހުޅުވާފައި ހުންނަނީ ރޭގަނޑު 10:00 ޖަހަންދެނެވެ. ނަމަވެސް މިހާރު މި ފިހާރަ 24 ގަޑިއިރު ހުޅުވާފައި ހުންނަ ގޮތަށް ބަދަލުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި ފިހާރައަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. މި ފިހާރައިގައި ނިއު އެމާޖިންގ 2 ޓެކްނޮލޮޖީއެއް ވަނީ ބޭނުންކޮށްފައެވެ. އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި، އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސްއެވެ. އެހެންކަމުން އަވަސްކަމާއި ފަސޭހަކަމާއިއެކު ކަސްޓަމަރުން ބޭނުންވާ އެއްޗެއް ގަނެލެވޭނެއެވެ.

މި ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނީ މިކަމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެނެވެ. މިއެޕްލިކޭޝަން، އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑްކުރެވޭނެއެވެ.

ފިހާރައަށް ވަދެވޭނީ ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެންނެވެ. ކިއުއާރު ކޮންސެޕްޓް ބޭނުންކުރި ނަމަވެސް ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ފިހާރައިން ނިކުންނައިރު ފައިސާ ދައްކާކަށް ނުވަތަ ޓްރާންސްފަރ ކުރާކަށް ނުޖެހޭނެއެވެ. ނިކުންނަ އިރު އެމީހަކު ނެގި މުދަލަކަށް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ކެނޑޭނެއެވެ. އެހެންކަމުން މިފިހާރައަށް ދާއިރު ކޮންމެހެން ވޮލެޓް ގެންދާކަށް ނުޖެހޭނެއެވެ. އަދި ފޭޝިއަލް ރިކޮގްނިޝަން ހަދާފައިވާ ފަރާތްތަކަށް ފޯނު ނެތްނަމަވެސް ވިޔަފާރި ކުރެވޭނެއެވެ.

ވިޔަފާރިކުރާ މީހާގެ ކާޑުގެ މަޢުލޫމާތު އެޕްލިކޭޝަނަށް ހުންނާނީ ސޭވްވެފައެވެ. އެހެންކަމުން ބޭނުންވާ ޕްރޮޑަކްޓެއް ހިފައިގެން ނިކުންނަތާ މަދުވެގެން 10 ނުވަތަ 15 ސިކުންތުގެ ތެރޭގައި ފައިސާ ރަސީދު ލިބޭނެއެވެ.