ޚަބަރު

ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި 6 ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާދެނީ


  • ޑެންގީ ޖެހުނު ބައެއް ކުދީންގެ ގަޔަށް ލޭ އަޅަން ޖެހުނު

  • މިއީ ފުރާނަޔަށް ނުރައްކާވާ ބައްޔެއް

ޑެންގީ ޖެހިގެން މިހާރުވެސް 6 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިދުވަސްވަރު ހަލުވިކަމާއިއެކު ޗިކުން ގުންޔާއާ ޑެންގީ ހުން ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޑެންގީ ހުން ފެތުރޭ މިންވަރުވެސް އިތުވެ އާންމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވާއިރު ޑރ.ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑެންގީ ހުން ޖެހިގެން 6 ތުއްތު ކުއްޖަކަށް މިހާރުވެސް އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަޖަން ފާހަގަކޮށް އެބަލިން ރައްކާޓެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. ޑރ. ފައިސަލް ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ ބައެއް ކުދިންގެ ހާލުދެރަވެގެން ލޭވެސް އަޅަން ޖެހޭ ކަމަށެވެ. އަދި މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާން ނައްތާ ނުލުމަށް ޑރ. ފައިސަލް ވަނީ ހަނދާންކޮށްދެއްވާފައެވެ.

އެޗްޕީއޭއިން ވަނީ ކުރިއަށް އޮތް ތަނުގައި ޑެންގީގެ ކޭސްތަށް އިތުރު ވެދާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން މަދިރި އުފެދޭ ތަންތަން ނައްތާލައި މަދިރިން ސަލާމަތްވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ޑެންގީއަކީ އީޑީޒް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މިބަލި ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު އެ މިމަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީހެއްގެ ގަޔަށް ބަލީހެ ވައިރަސް އެރުމުންނެވެ.

ޑެންގީ ޖެހޭ މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ އެންމެ 25 ޕަސެންޓް މީހުންގެ ކިބައިންނެވެ. ޑެންގީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާ ގަދައަށް ބޮލުގަ ރިއްސުމާ މަސްތަކާ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ޑެންގީ ހުން ޖެހި ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާ ނޭވާލާން ދަތިވުމާ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެފަދަ ތަކެތި ނައްތާލައި މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް ސަމާލުވުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ.

މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ ހެނދުނު އިރު އަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން މުހިންމެވެ.

މިގޮތުން ބަލި ޖެހިއްޖެނަމަ ބަލިން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.