ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ނޫސްވެރިންނަށް، އެ ޕާޓީގެ ފަރާތުން ވަނީ އަރިސްކޮށްފައެވެ.
އެމްޑީޕީން ބުނީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް ބޭނުންތެރި, މުހިންމު މަސައްކަތްތަކެއްކަމަށެވެ. އަދި އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުން ކުޑަ ހިތްވަރުގަދަ ނޫސްވެރިންނާއެކު އެ ޕާޓީން މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެމްޑީޕީގެ ވެރިކަމުގައި ކަށަވަރު ކޮށްދެވުނުކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެފަދަ އިންޒާރުތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެ ޕާޓީ ދެމި އޮންނާނެކަމަށްވެސް ބުނެފައިވެއެވެ.