ޚަބަރު

ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް: ޑރ.ހައިދަރު


  • އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ އަޑުތައް ކަނޑުވާލީ އެންމެ ވޯޓަކުންކަން ރާއްޖެއިން ފާހަގަކުރޭ

ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ، އދ. ގެ ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯގެ ބާރު އުވާލަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ އިއްޔެ ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދެވެ.

ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދު ވިދާޅުވީ އދ. ގެ 140 އަށްވުރެ ގިނަ މެންބަރު ޤައުމާއި އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކާއި މަގުތަކުގައި އާންމުން ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ އަޑުތައް ކަނޑުވާލީ އެންމެ ވޯޓަކުން ކަމަށެވެ. އަދި އެއީ ލަދުވެތި ކަމެއް ކަމަށާއި އޭގެ ސަބަބުން އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ހުށަހަޅާ ޤަރާރުތައް އެމެރިކާއިން ވީޓޯ ކުރާ މައްސަލައެވެ. ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ޤައުމަކަށް ވުމަށް ހުށަހެޅި މައްސަލަވެސް އެމެރިކާއިން ވަނީ ވީޓޯކޮށް ބޭރުކޮށްލާފައެވެ.

ހައިދަރު ވިދާޅުވީ ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލިސް ނުކުޅެދުމުގެ ސަބަބުން އިސްރާއީލުން ހިންގާ ޖަރީމާތައް އާދައިގެ ކަމަކަށް މިހާރު ވެފައިވާކަމަށެވެ.

"ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުގެ ހަތިޔާރަކަށް ވީޓޯ ވަނީ ވެފައި. މި މަޖިލީހުން ވީޓޯއަށް ނޫނެކޭ ބުނުމުގެ ވަގުތު މިއޮތީ ޖެހިފައި،" ޑރ. އަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ޑރ.ޙައިދަރު ވަނީ ފަލަސްތީނަކީ މިނިވަން، މުސަތަގިއްލު ދައުލަތެއް ކަމުގައި ބަލައިގަނެ، 1984 ވަނަ އަހަރުން ފެށީގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ އަތުން އިސްރާއީލުން އަތުލާފައިވާ ބިންތައް އަނބުރާ ހޯދައިދިނުމަށް ގޮވާލާފައެވެ.