ޕްލާސްޓިކް ކުނި މެނޭޖު ކުރުމަށް ޚާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އިތުރަށް ހަރުދަނާކޮށްފިއެވެ.
މި އުޅަނދުތައް ވެމްކޯއާ ހަވާލުކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީންނެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަނުންނެވެ.
ވެމްކޯގެ ފްލީޓަށް އިތުރުކުރި އުޅަނދުތަކުގެ ތެރޭގައި އިލެކްޓްރިކް 2 ވެހިކަލާއެކު ޖުމްލަ 6 އުޅަނދު ހިމެނެއެވެ. މި އުޅަނދުތަކުގެ އެހީގައި މާލެ ސަރަހައްދުގައި ޕްލާސްޓިގެ އެކި ބާވަތްތަކުގެ ކުނި އެއްކުރުމާއި މުޅި ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލު ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކީ ވެމްކޯއަށް ގެނެވޭ ބޮޑު ބަދަލެއްކަމަށާއި މި އުޅަނދުތަކާ އެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޖަލީލް ވިދާޅުވިއެވެ.
ކުނި މެނޭޖު ކުރުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއަކަށް ވާއިރު މިއީ ޔޫއެންޑީޕީ މޯލްޑިވްސް ޚާއްސަ އިސްކަމެއްދޭ ކަމެކެވެ.
ކުނި މެނޭޖު ކުރުމުގައި މިފަދަ "ކްލީން އެނާޖީ ސޮލިއުޝަންސް" ބޭނުންކުރުމަކީ ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މިހާރަށް ވުރެ ދަށްކޮށްދޭނެ ކަމެއްކަން ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި ކުނި ރީސައިކަލް ކުރެވޭ މިންވަރު އިތުރުކޮށް، އެންވަޔަރަމަންޓަލް ޕޮލިއުޝަންގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
ޓީސީސީއެފް އާއި ވީޕީ ކޮމިއުނިޓީ އެފެއާޒްގެ ރައީސް ސާޑިއާ މެޑްސްބާގް ވިދާޅުވީ އެ ޖަމިއްޔާގެ އަމާޒަކީ ހަމައެކަނި ކުނި ރީސައިކަލް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ސަގާފަތެއް ދިރުވުން ކަމަށެވެ. އަދި ރާއްޖޭގައި ކުރާ މިފަދަ މަސައްކަތްތަކާ އެކު ތިމާވެއްޓަށް ފާރަވެރިވުމުގައި ބެންޗްމާކްތަކެއް ސެޓް ކުރުމުގެ އަމާޒު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.