ޚަބަރު

ޗިކުންގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެއް

  • މާލެ ސަރަހައްދުން މި މަހު މިހާތަނަށް 59 ކޭސް ވަނީ ރިޕޯޓް ކޮށްފައި

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ސިއްހީ ކަންތައްތަކާބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މިމަހު އެކަނިވެސް ޗިކުންގުންޔާ ޖެހިގެން މާލެ ސަރަހައްދުން މިހާތަނަށް 59 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުމަކަށްވާތީ ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކުންގުންޏާ ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށާއި އެފަދަ މަދިރިން ސަލަމާތްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށް ހަލީލް ވިދާޅުވިއެވެ.

ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ޗިކުންގުންޏާގެ އަލާމާތްތައް:

  • 39 ޑިގްރީ ސެލްޝިއަސްއަށް ހުން ގަދަވުން
  • ގަދައަށް ބޮލާއި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން

ހެލްތު ޕްރޮޓެކްޝަންސް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށެވެ.

ޗިކުންގުންޏާ ޖެހުމުން ރައްކާތެރިވާނެ ގޮތްތައް:

  • މަދިރި އާލާވާނެފަދަ ތަންތަން ނައްތާލުން
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
  • މަދިރިގެ ބޭނުން ކުރުން
  • ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުން
  • މަދިރި ލޯޝަން ބޭނުންކުރުން

ޗިކުންގުންޏާގެ ފަރުވާ

  • ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން
  • އަރާމުކުރުން
  • ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން
  • ހުން އައިސް ގައިގައި ރިއްސާނަމަ ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެއްވެސް ބޭހެއް ބޭނުން ނުކުރުން
  • 3-7 އަށްވުރެ ގިނަ ދުވަހު ހުން އައުން ނުވަތަ ހުޅު ދުޅަވެ ރިއްސާނަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން