ދ. ވާނީގެ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރެއްވުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައިފިއެވެ.
މިކަމުގެ ނިމުން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ދ. ކުޑަހުވަދުއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގެވި ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމުގެ އިޙްތިފާލްގައެވެ.
ދ. ވާނީގެ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ، 2014 ވަނަ އަހަރު ރާއްޖެއަށް ސުނާމީގެ ސަބަބުން، ވާނީ ރައްޔިތުންނަށް ކުރިމަތިވި ގެއްލުންތަކާ ގުޅިގެނެވެ. ވާނީ ރައްޔިތުންނަށް ކުޑަހުވަދުއަށް ބަދަލުކުރެއްވުމަށް ސަރުކާރުން އެމީހުންނަށް ދެއްވަމުން ގެންދެވި މާލީ އަދި ޟަރޫރީ އެހީއާއެކު ދިރިއުޅެމުން އައީ ކުޑަހުވަދޫ ރައްޔިތުންގެ ގެތަކުގައެވެ. ފަހުން ސަރުކާރުން ހަމަޖައްސަވާފައިވަނީ ވާނީ ކުޑަހުވަދުއަށް ބަދަލުވި މީހުންނަށް 44 ގޯތި ކުޑަހުވަދޫން ދޫކުރެއްވުމަށެވެ. ނަމަވެސް ފަހުގެ ތާރީޚުގައި ސަރުކާރުން ނިންމެވި ނިންމެވުމެއްގެ ދަށުން އެރަށު ރައްޔިތުންނަށް ވަނީ ފަންސާސް ތިން ހައުސިންގ ޔުނިޓް އެރަށުގައި އަޅުއްވައިދެއްވާފައެވެ. ވާނީގެ ފަސްސަތޭކަ ފަންސާސް މީހުން ވަނީ ކުޑަހުވަދުއަށް ބަދަލުވެފައެވެ. މި އެންމެންނަށް މިހާރު ވަނީ ކުޑަހުވަދޫގައި ބޯހިޔާވަހިކަން ލިބިދީފައެވެ.
ސަރުކާރުން ކުޑަހުވަދޫގައި ހިންގަވައި ނިންމެވި 3 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދެއްކި ވާންޏަށް ނިސްބަތްވާ ބައެއް މީހުން ބުނިގޮތުގައި އެމީހުންނަށް ކުޑަހުވަދޫގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ޢާމްދަނީ ހޯދޭނެ ފަހި މަގުތައް ތަނަވަސްވުމާއި ދިރިއުޅުމުގެ އަސާސީ ކަންކަމުގެ ފަހިކަން އިތުރުވުމާއި އަދި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވެ، ދިރިއުޅުމުގެ ފެންވަރު މަތިކުރެވިފައިވާކަން އެމީހުން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން ވާނީގެ ރައްޔިތުންނަށް ކުޑަހުވަދޫގައި އެޅުއްވި 53 ހައުސިންގ ޔުނިޓްގެ ސަބަބުން އެފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ލިބިފައެވެ.