ޚަބަރު

އަޣުލަބިއްޔަތު ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ޞާލިހު ދެއްވައިފި


  • ވަޒީރުންނާއި ރައީސް މަގާމުން ވަކިކުރަން ޖެހިއްޖެ ކުރަންކުރަންޖެހޭކަމަށް ވިދާޅުވި

  • މިއަދު މިއޮތީ އެ ހާލަތު ދިމާވެފައި ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވައިފިއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދެއްކެވީ ތ. ތިމަރަފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައެވެ.

ރައީސް ޞާލިހު ވިދާޅުވީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ސާފުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ބަޖެޓު ފާސްކުރުން އަދި ޤާނޫނު ހެދުން ހިމެނޭކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވެސް ޖެހޭ ކަމަށާއި މިހާރު އެ ޙާލަތު އަތުވެއްޖެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ވަޒީރުންނާ ދޭތެރޭގައި ސުވާލުކޮށް މަގާމުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވެސް އެބައޮތް. އަދި ވެރިއަކަށް ހުންނަ މީހަކާ ދޭތެރޭވެސް އެފަދަކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފުރުސަތު އެބައޮތް. އެކަން ޤާނޫނުއަސާސީގައި ލިޔެފައި އެއޮތީ މިފަދަ ވަގުތެއް އަތުވެދާނެކަމަށް. މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފައި،" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވާހަކަތައް މިއަހަރުގެ ކުރީކޮޅުވެސް ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ދައްކާފައެވެ. އަދި މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރަކަށް ރުހުން ނުދިނުމަށްވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ތާއީދު ކުރާ ބަޔަކަށް ނޫން އެހެން ބަޔަކަށް ލިބިއްޖެނަމަ ބަދަލު ހިފުމުގެ ރޫހު ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީގައި އޮވެ ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.