ޚަބަރު

ގިނަ ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ މެންބަރުންގެ ޢަދަދު މަދުކުރަން: ދިރާސާ


  • ދިރާސާގައި 1174 މީހުން ބައިވެރިވި

  • 68% މީހުން ދެކެނީ މެންބަރުންގެ ޢަދަދު މަދުކުރަން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅެގޮތުން އާންމުން ދެކޭގޮތް އޮޅުންފިލުވުމަށް މުޅި ރާއްޖޭގެ އެކި ސަރަޙައްދުތައް ހިމެނޭހެން އެޗްއާރުސީއެމުން ހެދި ދިރާސާގައި ޖުމްލަ 1174 މީހުން ބައިވެރި ވެފައިވެއެއެވެ.

އެޗްއާރުސީއެމުން ކުރި ދިރާސާގެ ނަތީޖާދައްކާގޮތުން، ބައިވެރިންގެ 68 އިންސައްތަ މީހުން ދެކޭ ގޮތުގައި މިހާރަށްވުރެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހެއެވެ. ދިރާސާގެ ބައިވެރިންގެ 27 އިންސައްތަ މީހުން، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި މެންބަރުންގެ އަދަދާއި މެދު ހިތްހަމަޖެހޭއިރު 4 އިންސައްތަ މީހުން މެންބަރުންގެ އަދަދު މިހާރަށްވުރެ އިތުރުކުރަން ފެންނަކަމަށް ފާހަގަކޮށްފައިވެއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ކޮންމެ 5000 މީހެއްގެ އާބާދީއަށް އެއް މެންބަރެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާއަށް މެންބަރުން ހިމެނެއެވެ. ނަމަވެސް އާބާދީ އިތުރުވުމާއިއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް 6 ދާއިރާ އިތުރުވެ، 93 މެމްބަރުން އިންތިޚާބުކުރާނެއެވެ. އަދި މިހާރު ޢަމަލުކުރަންދާ ޤާނޫނު އޮތްގޮތުން ކުރިއަށް ހުރި މަޖިލިސްތަކަށްވެސް މެންބަރުން އިތުރުވުމުގެ ފުރުޞަތު އެބައޮވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެޗްއާރްސީއެމްގެ އެސިސެންޓް ޑިރެކްޓަރ މަރިޔަމް ސަޖުއާ ވިދާޅުވީ، އެ ދިރާސާގައި މަޖިލިސް އިންތިހާބާއި ގުޅޭ ނިޒާމީ ގިނަ މައްސަލަތަކުގައި އާންމުން ދެކޭގޮތުގެ މައުލުމާތު ހޯދާފައިވާނެކަމަށެވެ.

ސަޖުއާ ވިދާޅުވީ ދިރާސާ ބައްޓަން ކޮށްފައިވަނީ، މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން އެންމެ ގިނައިން މީހުން ވާހަދައްކާ މައުޟޫތަކުގެ މައްޗަށްކަމަށެވެ. އެކަންކަމާ ގުޅޭ ގޮތުން ތަފާސްހިސާބު ނެތުމާއި ސިސްޓެމަޓިކް އުސޫލެއްގެ ތެރެއިން މައުލޫމާތު އެއްކުރެވިފައި ނުވާތީ ދަތިތަކެއް ހުރުމުން އެކަން ހައްލުކުރުމަށް ހެދި ދިރާސާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަޖުއާ ވިދާޅުވީ އިންތިޚާބާ ގުޅޭ އެފަދަ ވާހަކަ ކުރިން އަޑު އިވެނީ ތުންތުން މަތިން ކަމަށްވާތީ އެކަންކަން ބެލޭގޮތެއް ނޯންނަކަމަށެވެ.

"އަޅުގަނޑުމެންނަށް ބަދަލެއް ގެނައުމަށް، މިސާލަކަށް ލޮބީ ވެސް ކުރެވޭނީ، ނުވަތަ އެކަމާ ގުޅޭގޮތުން ހޭލުންތެރިވެސް ކުރެވޭނީ އަޅުގަނޑުމެން އަތުގަ ކޮންމެވެސް ވަރަކަށް އޭގެ ތަފާސް ހިސާބު ހުރެގެން " ސަޖުއާ ވިދާޅުވިއެވެ.

އެ ދިރާސާގައި އިތުރަށް އާންމުންގެ ޚިޔާލު ހޯދާފައިވާ ކަންތައްތަކުގެ ތެރޭގައި، މަޖިލިސް އިންތިޚާބުގައި ވޯޓުލާނެތޯއާއި، ވޯޓުދިނުމުގައި އިސްކަންދޭނީ ކޮންކަމަކަށްތޯއާއި، ވޯޓުލާން ބޭނުންވަނީ ދިރުއުޅޭ ދާއިރާ ނުވަތަ ދާއިމީ އެޑްރެހުގެ ދާއިރާއަށްތޯ ބެލުމުގެ އިތުރުން، މަޖިލީހުގައި އަންހެން މެމްބަރުން ތިބެން ބޭނުންވާ ޢަދަދު ހިމެނެއެވެ. އަދި އިންތިޚާބާއި ގުޅިގެން ދޮގުވާހަކަ ފެތުމާއި މެދު ދެކޭގޮތާއި، އިންތިޚާބަށް ނުފޫޒުފޯރުވާ ފަރާތްތަކާއި މެދު ދެކޭ ގޮތުގެ އިތުރުން އިންތިހާބުގެ މިނިވަންކަމާއި ގުޅޭ ސުވާލުތައްވެސް މިދާރާގައި ޢާންމުންނާއި ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރަން ފެންނަކަމަށް ދިރާސާގެ ގިނަ ބައިވެރިން މަޢުލޫމާތު ދީފައިވުމާއި، ވަކި ސިޔާސީ ޕާޓީގެ ފިކުރުގައި އިންތިޚާބުވާ ފަރާތްތަކާއި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވޭ ފަރާތްތަށް އެހެން ފިކުރަކަށް ބަދަލުވެއްޖެނަމަ އެ ގޮނޑި ގެއްލެންވާނެ ކަމަށް ސަރވޭގެ ގިނަބައިވެރިން ފާހަގަކޮށްފައިވުމަކީ ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ދައްކުވައިދޭ ކަމެއްކަމަށް އެޗްއާރްސީއެމް އިން ފާހަގަޮށްފައިވެއެވެ.