ޚަބަރު

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފި


  • 1347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ވަނީ ނިންމާފައި

  • މުއްދަތު އިތުރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ހުޅުވާލި މުއްދަތު ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

އެ ވުޒާރާއިން ވަނީ ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ގޯތިތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅުން ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިވާތީއެވެ.

ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ގާއިމުކުރެވޭގޮތަށް ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުތައް ގެނެސްފައިވާއިރު އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް ބިމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5432 ގޯއްޗެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ގުޅިފަޅަށް ބަދަލު ކުރާ ގޯތިތަކުގެ ޢަދަދުތަކާއި ސައިޒު:

• 1250 އަކަފޫޓުގެ 193 ގޯތި
• 1650 އަކަފޫޓުގެ 663 ގޯތި
• 2050 އަކަފޫޓުގެ 487 ގޯތި
• 2450 އަކަފޫޓުގެ 4 ގޯތި

މި ގޯތިތައް ބަދަލުކުރުމުގެ ފުރުސަތު ބިމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދިފައިވާތީ އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބިމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.