ޚަބަރު

މަގޫދޫ ކައުންސިލަށް ރައީސް ދެއްވީ އެއަރޕޯޓު މަޝްރޫޢު ހުއްޓާނުލާނެކަމުގެ ޔަޤީކަން


  • މަގޫދޫ އެއަރޕޯޓުގެ އިތުރުން އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ވިދާޅުވި

  • މަގޫދޫއަށް މިވަގުތަށް ބޭނުންވާ އެންމެ މުހިއްމުކަންކަން ކައުންސިލުން ރައީސާއި ޙިއްސާކުރެއްވި

ފ. އަތޮޅު މަގޫދޫ އެއަރޕޯޓްގެ މަޝްރޫޢު ހުއްޓާނުލައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުދެއްވައިފިއެވެ.

އެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ، އެމަނިކުފާނު ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މަގޫދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ރައީސް ވަނީ މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަގޫދޫ ކައުންސިލުންވަނީ އެރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި އެރަށަށް ބޭނުންވާ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ސަރުކާރުން ފ. ނިލަންދޫގައި އެއަރޕޯޓު އެޅާނެކަން އިޢުލާންކޮށް އެކަމަށް ވާންޖެހޭ ތައްޔާރީތަށް ފެށުމާ ގުޅިގެން އެއަތޮޅު މަގޫދޫގައި ކުރީގެ ސަރުކާރުން ތަރައްޤީކުރަންފެށި އެއަރޕޯޓުގެ މަޝްރޫޢު ހުއްޓާލީކަމަށްބުނެ އިދިކޮޅުގެ އިސް ބައެއް ފަރާތްތަކުންވަނީ އެކަންފާހަގަކޮށް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އެއާއެކު މަގޫދޫގައިވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިޙްތިޖާޖުކޮށްފައިވެއެވެ.