ކުރީ ސަރުކާރުތަކުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިޔަނަމަވެސް، މި ސަރުކާރުން ބޭނުންވަނީ 5 އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތްތައް ފުރިހަމަކޮށް، ނަތީޖާ ނެރެދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޤައުމުގެ ތަރައްގީއާއި ހަމަޖެހުމާއި މިނިވަންކަމާއި ރައްކާތެރިކަމަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނަކީ ގައުމާއި ތަރައްގީގެ ވިސްނުމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން ކަމަށާއި، އެހެންކަމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ދެއްވި ތާއީދު މަޖިލިސް އިންތިހާބުގައިވެސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަމަށާއި ދެން އަންނަ ރިޔާސީ އިންތިޚާބު ކައިރިވަންދެން އެ މަސައްކަތްތައް ފަށަން އެމަނިކުފާނު މަޑުނުކުރައްވާނެ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން ކަންކަން ކުރެއްވީ އެގޮތަށްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މި ފަސް އަހަރަކީވެސް ނަތީޖާ ނެރެދޭނެ ފަސް އަހަރަށް ހެދުމަށް ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހަށް އިންތިހާބުކުރުން މުހިންމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"މާލޭގެ މަގުތައް ހަދަން މިއޮތީ ޗައިނާގެ ހިލޭ ލިބިފައި މިހާރު. އެކަމަކު ބަޖެޓުގައި ހިލޭ އެހީ ހިމަނަން ޖެހޭނެ. ބަޖެޓް ފާސްކުރަނީ މަޖިލީހުން. މާދަން ނިންމަންވީ އެ ފައިސާ ކަނޑައަޅާނީ އެހެން މަޝްރޫއަކަށޭ. ދެން އަޅުގަނޑު ކިހިނެތްތޯ ހަދާނީ. ދެން މަގުތައް ނެހެދޭނެ. މިހާ ސާފުކޮށް އޮތް މައްސަލައެއް މިއީ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މީގެ ކުރިންވެސް ރައްޔިތުން އެމަނިކުފާނާ ހަވާލު ކުރެއްވި ޒިންމާތައް ފުރިހަމައަށް އަދާކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ސަރުކާރަށް އެއްބާރުލުން ދިނުމުގެގޮތުން ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމަށް ރައީސުލްޖުމްހުރިއްޔާ އެދިވަޑައިގެންނެވިއެވެ.