މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންދާ ކުނި ޓަނަކަށް ނަގާ ފީއަށް އަނެއްކާވެސް ލުއިދީ، އެއަދަދަދު 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމަވައި އެކަން ރަޢީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވައިފިއެވެ.
ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެވަޑައިގެންނެވި ވަޢުދާއެއްގޮތަށް މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ 1060 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރީ މި ނިމުނު މާޗުމަހުން ފެށިގެންނެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާންމުން އެންމެ ކަންބޮޑުވާ މައްސަލަތަލުގެ ތެރެގައި ކުނީގެ މައްސަލަވެސް ހިމެނޭކަމަށާއި، ވެމްކޯއިން ފޯރުކޮށްދޭ އެ ޚިދުމަތުގެ އަގުތަކަށް އިތުރު ލުއިތަކެއްދޭން ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
ވިޔަފާރިތަކާއި އެފަދަ ކުންފުނިތަކަށް ރޭޓްތައް މިދިޔަ މަހުން ފެށިގެން ކުޑަކޮށްފައިވީނަމަވެސް، މިހާރު ނަގަމުންދާ އަދަދަކީވެސް އާންމު މީހުންނަށް އެންމެ އެކަށީގެންވާފަދަ އަގެއްނޫންކަން ފާހަގަކުރެވިފައވާކަމަށް ރައީސް ވިދާޅުވިއެވެ.
"ވަރަށް ގިނަ ރައްޔިތުންގެ އެދުމެއްއޮތްކަމެއްމީ، އަޅުގަނޑު މިހާރު ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާއި ކަމާގުޅޭ ވަޒީރުންނާ މަޝްވަރާކޮށްފިން. އެހެންވީމަ ޓަނަކަށް މިނަގާ 750 ރުފިޔާ، 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
އެއަގުތައް ނަގަން ފަށާނެ ތާރީޚު މާލަސްތަކެއްނުވެ ވެމްކޯއިން ޢިއުލާންކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެބަދަލާއެކު ކުނި އުކާލުމަށް އާންމު ފަރާތްތަކުން އުފުލާތަކުލީފަށް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހުންނަ އެފަދަ ކަންބޮޑުވުންތައް ޙައްލުކޮށްދެވުމަށް އިސްކަންދީގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ވެމްކޯގެ އިތުރުން އެހެން އެސްއޯއީ ތަކުގެ ކަންކަން ވެސް ރަނގަޅުކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފައިސާ ޗާޕް ނުކޮށް، ހުރިހާ ބިލްތަށް ދައްކަވަމުން، ފައިސާގެ އަގު ހިފަހައްޓަވަމުން، ޑޮލަރުގެ ރޭޓު ތިރިކުރައްވަމުން، ކުރައްވާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ގިނަ ލުއިތައް ވެސް ހޯއްދަވާދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.