ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ސިޓީތަކާއި އަތޮޅު ކައުންސިލުން ފަސޭހަކަމާއެކު ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ އާންމު ރައްޔިތުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންނެވެ.
މިކަމާގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ރައީސްގެ އިރުޝާދާއެކު ހަމަޖައްސަވަމުންދާކަމަށެވެ.
މިޚިދުމަތް ފުޅާކުރަމުން ދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެންކަމަށާއި، މިހާރުވެސް ސިޓީތަކާއި ބައެއް އަތޮޅު ކައުންސިލްތަކުން މިކަން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސިޓީތަކާއި އަތޮޅު ކައުންސިލްތައް ވަރަށް ބޮޑަށް ބާރުވެރިވެގެންދާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިޚިދުމަތް ފުޅާކުރަމުން މިދަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި ސިޓީތަކުގެ ކަންކަން ހުރި ގޮތަށް ބަލާއިރު ފިޔަވަހިތަކަކަށް ބަހާލައިގެން. އަދި މިކަމުގައި އަޅުގަނޑުމެން ފާހަގަކުރަން ބޭނުން މިހާރުވެސް ރާއްޖޭގެ ސިޓީތަކުންނާއި ބައެއް އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކުން ޝައުގުވެރިކަން ވަރަށް ބޮޑަށް ފާޅުކޮށް، މިކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ބައެއް ކައުންސިލްތަކުން ވަނީ މަސައްކަތް ފަށާފައި." ވަޒީރު ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާމް ވަހީދު ވިދާޅުވީ، ރައީސްގެ މި ނިންމެވުމުގެ މައިގަނޑު މަޤްސަދަކީ އާންމުން ބޮޑު ހޭދައެއް ކުރަން ނުޖެހޭގޮތަށް ސަރުކާރުން މިދޭ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުންކަމަށެވެ. ޕާސްޕޯޓްނަގަން މާލެ އަންނަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަން ފާހަގަކުރައްވައި ޝަމްއާން ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ހިނގާ ޚަރަދަށްވުރެ ޕާސްޕޯޓް ނެގުމަށް ހިނގާ ޚަރަދު ބޮޑުކަމަށެވެ.
"ރައީސްގެ މިނިންމެވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ. އަދި ވަރަށް ވަގުތު ސަލާމަތްވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން އިނގޭތޯ. މަހެއްގެ މައްޗަށް 1200 އެއްހާ މީހުން މިގޮތަށް މާލެ އައިސް ޕާސްޕޯޓްނެގުމުގައި ގާތްގަނޑަކަށް 5000 އާއި 6000 އާއި ދެމެދުގެ އަދަދެއްގެ ޚަރަދެއް އެބަ ކުރޭ. ހުރިހާ ރައްޔިތުންނަށް ބަލާއިރު މިއީ ވަރަށް ބޮޑު ޚަރަދެއް. އަހަރެއްގެ މައްޗަށް އެބަ ޚަރަދުވޭ 7.7 މިލިއަނެއްހާ ރުފިޔާ އާންމުންގެ އަތުން." ޝަމްއާން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މިހާރު ކުރަމުންދަނީ މިކަން ކުރުމަށްޓަކައި އިދާރީގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ މުވައްޒަފުން ނެގުން ފަދަ ކަންކަން ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ. ޕާސްޕޯޓްގެ ޚިދުމަތްދޭ އޮފީސްތައް ޤާއިމްވެގެންދާނީވެސް ފިޔަވަހިތަކަކަށް ބަހާލައިގެންކަން ވަނީ ހާމަކޮށްފައެވެ.