އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ނުކުޅެންދުންތެރިކަން ހުންނަ ކުދިންނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު ދައްކާލައިފިއެވެ.
މި ޙަރަކާތާއި ގުޅޭގޮތުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މިފަދަ ކުދިންނަކީ މުޖްތަމައު ބަލައިގަންނަ ކުދިންނަށް ވާންޖެހޭ ކަމަށާއި، އެއާރ ޓްރެފިކް ކޮންޓްރޯލަރސް އެސޯސިއޭޝަނުން މިފަދަ ޙަރަކާތެއް ހިންގުން މިއީ އެމްއޭސީއެލް އާއި އެއަރ ޓްރެފިކް ކޮންޓްރޯލަރސް މިފަދަކަންކަމަށް އިސްކަންދޭކަމެއްކަމަށެވެ. މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނަމަ އެކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން އެފަރާތްތަކަށް ދޭނެ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
އެއާރޓްރެފިކް ކޮންޓްރޯލަރސްގެ ފަރާތުން ފޯރުކޮށްދިން މި ފުރުޞަތުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޯޓިޒަމް ކުދިންގެ ހުނަރާއި ޝައުޤު ހުންނަ ގޮތް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދު ވިދާޅުވިއެވެ.