ރެފިއުޖީން ބޭތިއްބުމަށް ގްރީސްގައި ހަދާފައިވާ މަރުކަޒުތަކަށް ބަދަލުވުމަށް މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޖަހާފައިވާ ފޭލިގެ ތަކުގައި ދިރިއުޅެމުންދާ ރެފިއުޖީންގެ ކިބައިން ގްރީސްގެ ފުލުހުން އެދިއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވިލާތުގެ ގިނަ ޤައުމުތަކެއްގެ ސަރަޙައްދީ ރޮނގުތައް ރެފިއުޖީންނަށް ބަންދުކުރުމުގެ ސަބަބުން ގްރީސް އާއި މެސެޑޯނިއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އެހީދޭ ޖަމާޢަތްތަކުން ޖަހާފައިވާ ފޭލިގެތަކުގައި އެތައް ހާސް ރެފިއުޖީންނެއް ދަނީ ދިރިއުޅެމުންނެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރެފިއުޖީންގެ މަރުކަޒުތަކެއް ޤާއިމުކޮށްފައެވެ. ނަމަވެސް މިސަރަޙައްދުގައިވާ ފޭލިގެ ތަކުގައި އުޅެމުންދާ ރެފިއުޖީން އުންމީދުކުރަމުން ދަނީ ސަރަޙައްދީ ރޮނގުތައް ހުޅުވި ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތު އަދިވެސް ލިބިގެންދާނެކަމަށެވެ.
ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދޭ ގޮތުގައި ގްރީސްއާއި މެސެޑޯނިއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ފޭލިގެ ތަކުގައި 10 ހާހަށް ވުރެ ގިނަ ރެފިއުޖީން ދަނީ ދިރިއުޅެމުންނެވެ. މީގެ ތެރޭގައި ގިނައީ ސޫރިޔާއާއި އަފްޣާނިސްތާނާ އެފްރިކާގެ ޤައުމުތަކުގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް މަސައްކަތްކުރާ ރެފިއުޖީންނެވެ.