ޚަބަރު

ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު


  • މިކަމުގެ މަޝްވަރާތައް ދަނީ ކުރަމުން

  • އާސަންދައިގައި އިސްރާފުތަކެއް ހުރިކަން ވަނީ ފާހަގަވެފައި

އާސަންދައިގެ ބަޖެޓުން މިއަހަރަށް ކަނޑައަޅާފައިވާ އަދަދުން ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވަލަކަށް މަޖިލީހުގައި ދެއްވި ޖަވާބުގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރ އައިޝަތު ޝިހާމްއާއި ކުރެއްވި ސުވާލަކީ ޔޫއޭއީ އަދި ތައިލޭންޑުން އާސަންދަ ލިބޭނީ ކޮން ޚިދުމަތްތަކަކުންތޯ އާއި މި ޚިދުމަތް ލިބޭނެ ތާރީޚަކާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ ޔޫއޭއީން އަދި ތައިލޭންޑްގައި ހުރުމާއި ދަތުރުފަތުރު ހަމަޖެހޭގޮތައް އާސަންދަ ހަމަޖެއްސުމަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތަކާއި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އާސަންދައަށް މިއަހަރަށް ބަޖެޓްކޮށްފައިވާ އަދަދުގެ ތެރެއިން މެނޭޖްކުރެވޭނެ ގޮތައް މި ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި މި ބަދަލަކާއި އެކުވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަކަށް އުނިކަމެއް ނާންނާނެ. މިގޮތުން ހިދުމަތް ދޭނެ މޮޑެލްތަކާއި، ކަވަރ ކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން. މިކަންކަން ނިމުން ކަމާގުޅުންހުރި ފަރާތްތަކަށް ހިއްސާކުރެވިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

އާސަންދަ ނިޒާމް މިހާރު ހުރިގޮތުން ވަރަށް ބޮޑު އިސްރާފުތަކެއް ހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް ބަޖެޓްކޮށްފައިވަނީ 1 ބިލިއަން ރުފިޔާކަމަށާއި، އެހެންނަމަވެސް އަހަރު ނިމުނުއިރު 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވަނީ ބޭހަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް އަޅާބަލާއިރު 70 ގުނަ ބޮޑު އަދަދުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބާޒާރުގައިވެސް ބޭސް ލިބެން ހުންނަ އަދަދުތަކަށްވުރެ ރާއްޖޭގެ އަގުތައް ދޮޅު ގުނަ ބޮޑުކަން ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.