ޚަބަރު

ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ހޮނިހިރު ދުވަހު ހުޅުވާލަނީ


  • 284،663 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބޭ

  • ލިސްޓުގައި ސޮއި ކުރުން ކުރިއަށްދާނީ ހޮނިހިރު އަދި އާދީއްތަ ދުވަހު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ހޮނިހިރު ދުވަހު ސޮއި ކުރަންފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ކެނޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް ސޮއި ކުރެވޭނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އިން އާދީއްތަ ދުވަހުގެ ރޭ 12:00އާ ހަމައަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓަރސް ލިސްޓުގައި ސޮއި ކުރުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުން ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. ކެންޑިޑޭޓުންގެ ބަދަކުގައި ސޮއިކުރުމަށް ކަނޑައަޅާ ފަރާތްތަކުން ކެންޑިޑޭޓުގެ ސިޓީއަކާއި އައިޑީކާޑު ކޮޕީއެއް އަދި އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.

ފައިނަލް ވޯޓަރސް ލިސްޓުގައިވާގޮތުން އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. މީގެ ތެރޭގައި 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުުރުމަށް އަންނަ މަހު ބާއްވާ އިންތިޚާބުގައި 93 ދާއިރާއަކަށް 369 ކެންޑިޑޭޓުން ވާދަކުރައްވައެވެ.