ޚަބަރު

އައިއެސް ޖަމާޢަތާ ގުޅޭ ހަނގުރާމަވެރިން މަދުވާން ފަށައިފި


ޖިހާދުގެ ނަމުގައި އައިއެސް ޖަމާޢަތާ ގުޅޭ ހަނގުރާމަވެރިންގެ ޢަދަދު މަދުވަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.  

އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ޙަވާލާދީ އެޤައުމުގެ މަސްއޫލުވެރިއަކު ވިދާޅުވީ ޖިހާދުގެ ނަމުގައި އައިއެސް ޖަމާޢަތާ ގުޅޭ އިސްލާމީ ޤައުމުތަކުގެ ޒުވާނުންގެ ޢަދަދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަދުވަމުންދާކަމަށާ އަދި މިއަހަރު ތެރޭގައި މިޢަދަދު އިތުރަށް މަދުވެގެންދާނެކަމަށް ބެލެވޭކަމަށެވެ. 

ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވީ ކުރިން މަހެއްގެ މައްޗަށް ފަނަރަ ސަތޭކައާއި ދެހާހާ ދެމެދުގެ ޢަދަދެއްގެ ހަނގުރާމަވެރިން އައިއެސް ޖަމާޢަތާ ގުޅެމުންދިޔަ ނަމަވެސް މިހާރު މަހެއްގެ މައްޗަށް އެޖަމާޢަތާ ގުޅެނީ ދުއިސައްތައެއްހާ ހަނގުރާމަވެރިންކަމަށެވެ. 

އައިއެސް ޖަމާޢަތާ ގުޅޭ ހަނގުރާމަވެރިންގެ ޢަދަދު މަދުވަމުންދާ ވަރަކަށް އެޖަމާޢަތް ބަލިކަށިވެގެންދާނެކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.