ޚަބަރު

އިޙްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއިން މައްޗަށް


  • އެންމެ މައްޗަށް ހޫނުމިން ރެކޯޑުކުރެވުނީ ހުޅުލެއަށް

  • ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.7 ޑިގްރީ ސެލްސިއަސްގައި

  • މާރިޗް އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މައްޗަށް ދާނެ ދުވަސްވަރު

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވިގޮތުގައި، މިއަދު ހުޅުލޭގެ ހޫނުމިން 33.1 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.7 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދޫގެ ހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގައި ހުރިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ލ. ކައްދޫގެ ހޫނުމިން 31.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގައިކަމަށާއި، ގދ.ކާޑެއްދޫގެ ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.7 ޑިގްރީ ސެލްސިއަސްގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި އައްޑޫސިޓީ ގަމުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މި އަހަރުގެ މި ހިނގާ މާޗް އަދި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ހޫނުމިން އިޙްސާސްކުރެވޭ މިންވަރު އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް

* ވަރުދެރަވުން
* އަކުނިވަޔަށްދެމުން
* ބޮލުގައި ރިއްސައި ބޯއެނބުރުން
* ހަށިގަނޑުގައި ފެންމަދުވުން
* ލޮލަށް ލިބޭ ގެއްލުން
* ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން

ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

* ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
* ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
* ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
* އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
* ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނު ހިއްކި ނަމަވެސް ގިނައިން ފެން ބުއިން
* އަވިއައިނު އެޅުން
* ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން

ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ. ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެއެވެ.