ޚަބަރު

އެމްޑީޕީގެ 300 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި


އިދިކޮޅު އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން ތިންސަތޭކަ މެމްބަރުންގެ ފޯމް އިނގިލީގެ ނިޝާނާއެކު އެޕާޓިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ، ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ ނިންމުމާއެކު މިހާތަނަން ޕްރޮސެސްކޮށް ނިމިފައިވާ ހުރިހާ ފޯމްތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވާކަމަށެވެ. އަދި ހުށައެޅުއްވި ފޯމްތައް ވީހާވެސް އަވަހަށް ބެއްލެވުމަށްފަހު ޕާޓީގެ ދަފްތަރުގައި މެމްބަރުން ހިމަނައިދިނުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވަނީ ޕާޓީތަކުގެ މެމްބަރުންނަށް ވުމަށް ހުށައަޅާ ފޯމްގައި އިނގިލީގެ ނިޝަން ހިމަނަންޖެހޭނެކަމަށެވެ. އިނގިލީގެ ނީޝާން ހިމަނާފައި ނުވާ މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވުމާ ގުޅިގެން އިނގިލީގެ ނިޝަން ހުށައަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރެއްވުން ފަސްކުރެއްވުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. 

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން އިނގިލީގެ ނިޝާން ހުށައަޅާފައި ނުވާ މެމްބަރުން އެޕާޓީތަކުން ވަކިކުރެވޭނެ އިޞްލާޙެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅުއްވާފައެވެ. މިއިސްލާހާއި މެދު މަޖިލީހުން އަދި ގޮތެއް ނިންމަވާފައެއްނުވެއެވެ.