ޚަބަރު

ޑރ.އޭ.ޕީ.ޖޭ ޢަބްދުލްކަލާމް އެވޯޑް ރައީސް ޔާމީނަށް


އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސްއިން ދިނުމަށް ހަމަޖެހިފައިވާ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، މާދަމާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ފުރާވަޑައިގަންނަވާނެއެވެ. މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގެ ހެނދުނުއެވެ.

ޑޮކްޓަރ ކަލާމް ޕުރަސްކާރް އެވޯޑަކީީ، ޤައުމުތަކުގެ އިސްވެރިންގެ ތެރެއިން އެޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެރުވުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

ޑޮކްޓަރ ކަލާމް ޕުރަސްކާރް އެވޯޑް ލިބިވަޑައިގަންނަވާ ފަރާތްތައް ކަނޑައަޅުއްވަނީ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ ކޮމިޓީއަކުންނެވެ. މީގެތެރޭގައި އިޖްތިމާޢީ ދާއިރާއިން ޚިދުމަތްކުރައްވާ ފަރާތްތަކާއި، އިންޑިޔަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނުގެ ކުރީގެ ޗެއާމަނާއި، އިންޑިޔާ ސަރުކާރުގެ ސަފީރުންނާއި، ކައުންސެލް ޖެނެރަލުން ހިމެނިވަޑައިގަންނަވައެވެ.

img:http://s3.psmnews.mv/images/660x400/14615803920794.jpg|އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމް-

އިންޑިއާގެ ކުރީގެ ރައީސް އަދި މަޝްހޫރު ނިއުކުލިޔަރ ސައިންޓިސްޓް ޢަބްދުލް ކަލާމަކީ، ކެތްތެރިކަމާއި ދީލަތިކަމުގެ ގޮތުންނާއި ލީޑަރޝިޕް ފަލްސަފާއާއި ސާދާކަމާއި ޤުރުބާންވެވަޑައިގަތުމާއި އެހެން މީހުންގެ މަސައްކަތުގެ އަގުވަޒަންކުރެއްވުގައި އިންޑިއާއަށާއި ދުނިޔެއަށް ނަމޫނާ ދެއްކެވި، މަޤްބޫލް ޝަޚުޞިއްޔަތެކެވެ.

އޭޕީޖޭ ޢަބްދުލްކަލާމަކީ ޢިލްމު ޙާޟިލްކުރެއްވުމާއި އެ ޢިލްމުގެ ބޭނުން ޢަމަލީގޮތުން ހިއްޕެވުމާއި އެ ޢިލްމު ފެތުރުވުމުގެ ގޮތުން ހުއްޓުމެއް ނެތް މަސައްކަޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.

އިންޑިއާގެ 11 ވަނަ ރައީސް އަދި ރައްޔިތުންގެ ރައީސްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި ޢަބްދުލްކަލާމް ޤައުމަށް ޚިދުމަތްކުރެއްވުމުގައި ފާހަގަކުރެވޭ ޝަޚުޞިއްޔަތަކަށް ވެވަޑައިގަތީ، އެއެރެނޮޓިކަލް އިންޖިނިއަރެއްގެ ގޮތުގައެވެ. ޕްރޮފެޝަނެއްގެ ގޮތުން އެއިރޯސްޕޭސް އިންޖިނިއަރިންއަށް ޚާއްޞަވެވަޑައިގެން ކުރައްވާފައިވާ ބުރަ އަދި ކާމިޔާބު މަސައްކަތްޕުޅާ ގުޅިގެން ޑރ. ޢަބްދުލްކަލާމަކީ "މިސައިލް މޭން އޮފް އިންޑިޔާ" ގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވިއެވެ. ޢިންޑިޔާގެ ބެލިސްޓިކް މިސައިލާއި ސްޕޭސް ރޮކެޓް ޓެކްނޮލޮޖީގެ ޙަޤީޤީ ބާނީއަކީވެސް ޑރ. ޢަބްދުލްކަލާމެވެ. 1998 ވަނަ އަހަރު އިންޑިޔާގައި ކުރި ނިއުކްލިޔަރ ޓެސްޓުގައި އެންމެ މައިގަނޑު އިންތިޒާމީ، ޓެކްނިކަލް، އަދި ސިޔާސީ ދައުރެއް އަދާ ކުރެއްވި ބޭފުޅަކީވެސް ޑރ.ޢަބްދުލްކަލާމެވެ.

އޭޕީޖޭ ޢަބްދުލް ކަލާމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ޢާމްދަނީ އެހެން މީހުންގެ މަންފާއަށްޓަކައި ހޭދަކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ޓީމަށް އަބަދުވެސް ހިއްވަރުދެއްވައި، ޓީމްގެ ބަދަހިކަން ދެމެހެއްޓެވި ބޭފުޅެކެވެ. އެމަނިކުފާނަކީ، ނާކާމިޔާބީއާ ކުރިމަތިވުމުން، ރައްޔިތުންނާއި ދުނިޔޭގެ ކުރިމައްޗަށް ޓީމްގެ ލީޑަރުގެ ގޮތުން އަމިއްލަފުޅަށް ނިކުމެވަޑައިގެންނެވި ބޭފުޅެކެވެ. ހަމަ އެހެންމެ ކާމިޔާބު ލިބިވަޑައިގެންނެވުމުން، ޓީމުގެ ލީޑަރުގެ ބަދަލުގައި ޓީމްގެ އެހެން މެންބަރުން ރައްޔިތުންނާއި ދުނިޔޭގެ ކުރިމައްޗަށް ނެރުއްވި ހަރުދަނާ ސިފަފުޅުތަކެއް ގެންގުޅުއްވި ޝަޚުޞިއްޔަތެކެވެ.

މި ވަރުގަދަ ޝަޚުޞިއްޔަތަށް ނިސްބަތްވެވަޑައިގަންނަވާ އެވޯރޑް ލިބިވަޑައިގަނންނަވާ ފުރަތަމަ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަމުގައި ވެވަޑައިގެންނެވިއިރު، އެމަނިކުފާނަކީވެސް ޤައުމަށް ޚިދުމަތްކުރެއްވުމުގައި އަދި ޤައުމީ ތަރައްޤީއަށް ތާރީޚީ ބަދަލު ގެންނެވުމުގައި ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ، ޚިދުމަތުގެ ފަޚުރުވެރި ތާރީޚެއް އޮތް ބޭފުޅެކެވެ.

img:http://s3.psmnews.mv/images/660x400/14615799202867.jpg|ރައީސުލްޖުމްހޫރިއްޔާ ސޯސަންވިލާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން- ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަތީ ސާނަވީއާ ހަމައަށް ތަޢުލީމް ޙާޞިކުރައްވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެން މަތީތަޢުލީމް ޙާޞިލްކުރެއްވުމަށްފަހު ރާއްޖޭގެ ރައްޔިތުންނަށް އިޤްތިޞާދީ ތަރައްޤީއާއި ފޮރިން އިންވެސްޓްމަންޓްގެ ދާއިރާއިން ޚިދުމަތްކުރައްވަން ފެއްޓެވީ ވަރަށް ޒުވާން ޢުމުރުފުޅުގައެވެ. ޚިދުމަތާއި މަސްއޫލިއްޔަތު އުފުއްލެވުމުގެ ހަރުފަތްތައް މަތިވަމުން އައިސް ޢުމުރުން 30 ގެ އަހަރުތައް ފެށުމާއެކު ވަޒީރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ފޮރިން އިންވެސްޓްމަންޓާއި އަދި ޤައުމީ އުފެއްދުންތެރިކަމަށް ފަހިވާނެ ޤާނޫނީ ނިޒާމެއް ތަޢާރަފުކުރައްވަން އެމަނިކުފާނު މަސައްކަތްކުރެއްވިއެވެ. ރާއްޖޭގައި ވިޔަފާރިއާއި އިޤްތޞާދަށްފަހި އިމްޕޯޓް އެކްސްޕޯޓް ޤާނޫނެއް އެކަށައެޅުއްވުމުގެ މޭސްތިރިއަކީ ރައީސް ޔާމީންއެވެ. އެ މަސައްކަތްކުރައްވާފައިވަނީ ފޮރިންގ އިންވެސްޓްމަންޓް ބިއުރޯގައި މަސައްކަތްކުރެއްވި ދުވަސްވަރުގައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު އެމަނިކުފާނު ވަނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތްދެމުން އައި ކުންފުނި، ސްޓެލްކޯގެ ޚިދުމަތް ފުޅާކުރައްވައި، ޒަމާނީ ކުރެއްވުމާއި ރާއްޖޭގައި ޤައުމީ އެއަރލައިނަށް ޒަމާނީ ތަރައްޤީ ގެންނެވުމާއި ރާއްޖޭގެ ޤައުމީ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޚިދުމަތުގެ ދުވެލި އަވަސް ޚިދުމަތް ފުޅާވާނޭ މުހިންމު ފިޔަވަޅުތަކެއް އަޅުއްވައި، އެ ކުންފުނި ފުޅާކުރެއްވުމުގައި އަދާކުރެއްވި ކާމިޔާބު ދައުރަކީ ރައީސް ޔާމީން ޤައުމަށް ގެންނެވި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

img:http://s3.psmnews.mv/images/660x400/1817.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހުޅުމާލެ ބިންހިއްކުމުގެ ދެވަނަ ފިޔަވަހި އިފްތިތާޙްކުރުމުގެ ތެރެއިން، ސެލްފީއަކަށް ހުއްޓިލައިގެން - ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ހެއްދެވުމުގައި އަދި ރައްޔިތުންގެ ޙައްޤުގައި ވަނީ ވަކާލާތުކުރައްވާފައެވެ.

ރައީސް ޔާމީންވެސް ފާހަގަކުރެވިފައިވަނީ، ދީލަތި އަދި އިސްރާފު ކުޑަކުރެއްވުމަށް އިސްކަންދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގަތުމަށްފަހު، ކޮންމެ މަހެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދޫކޮށްލައްވަމުން ގެންދަވަނީ ރައްޔިތުންގެ ބޭނުންތަކަށް، ރައްޔިތުންގެ މާލިއްޔާއަށް ދެއްވާ ހަދިޔާއްގެ ގޮތުގައި. ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓުން ހޭދަކުރައްވާ މިންވަރު ކުޑަކުރެއްވުމަށް ގެންދަވަނީ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

img:http://s2.psmnews.mv/images/660x400/7137.jpg|ރައީސުލްޖުމްހޫރިއްޔާ ޚިދުމަތްތެރި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރެއްވުމަށް ވޭއްވި ހަފްލާގެ ތެރެއިން- ފައިލް ފޮޓޯ: ރައިސް އޮފީސް

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ ވަޢުދުގެ ގޮތުގައި ޢާންމުކުރެއްވި މެނިފެސްޓޯގައި ހުރި ކަންކަން ޙަޤީޤަތަކަށް ހެއްދެވުމަށް ޓީމް ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ގެންދަވަނީ ބުރަ އަދި ޢަމަލީ، ތަންފީޒީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރައްޔިތުނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ގެންދަވަނީ ހިންގަވަމުންނެވެ. ޓީމް ލީޑަރ، ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ވަޒީރުންގެ ބުރަ މަސައްކަތް ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް އުފާވެރި ޚަބަރުދެއްވުމަށް ސަރުކާރަށް ފަހިކުރެއްވޭ ފުރުޞަތުތައް ދެއްވުމުގައި އިސްކަންދެއްވަނީ ވަޒީރުންނަށެވެ.

ޢާންމުކޮށް ދިވެހިންގެ ތަޞައްވުރުގައި ނެތް ބަދަލުތަކާއި އަމާޒުތައް ރައްޔިތުންނަށް ދައްކަވައިދެއްވައި އަދި އެ އަމާޒުތަކަށް މަސައްކަތްކުރައްވައި ނަތީޖާ ނެރުއްވުމުގެ ޔަޤީންކަން ދެއްވާ ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީން އަންނަނީ ފާހަގަރެވެމުންނެވެ.

ދުނިޔެއަށް ވަރުގަދަ ޚިދުމަތްތަކެއް ކުރައްވައި ދުނިޔެ ދޫކުރެއްވި ޝަޚުޞިއްޔަތަކަށް ނިސްބަތްކުރެވޭ އަދި ރައްޔިތުންގެ ލީޑަރެއްގެ ނަންފުޅަށް ނިސްބަތްވާ މަތީ އެވޯރޑެއް ފުރަތަމަ ލިބިވަޑައިގެންނަވާ ބޭފުޅަކީ ރައީސް ޔާމީންކަމަށްވީ ކީއްވެގެންކަން ރައީސް ޔާމީންގެ ޚިދުމަތްތަކުން އެނގެއެވެ.