ޕޯޓް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނަށް ޚާއްސަކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީކުރި މަޖޫރީންގެ ހިޔާ ރަސްމީކޮށް ހުޅުވައިފިއެވެ.
ޕޯޓް ސަރަޙައްދުގައި މަސައްކަތް ކުރާ މަޖޫރީން މަސައްކަތުގައި އުޅޭ ވަގުތުގައި އަރާމުކޮށްލުމަށް އެކަށީގެންވާ ޖާގައެއް ނެތުމަކީ މަޖޫރީންގެ ފަރާތުން އަބަދުވެސް ކުރާ ޝަކުވާއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ ކެމްޕެއިން ދުވަސްވަރުވަނީ މަޖޫރީންގެ ކަންބޮޑުވުން އައްސަވާ އެކަންކަމަށް ހައްލު ހޯދާދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ މަޖޫރީންގެ ހިޔާގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދޭނެ ކަމަށްވަނީ ވިދާޅުވެފައެވެ.
އެމްޕީއެލް އިން ހެދި މަޖޫރީންގެ ހިޔާ ރަސްމީކޮށް ހުޅުއްވައި ދެއްވީ އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އާއި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާޢުއެވެ.
އެމްޕީއެލްއިން ބުނީ މަޖޫރީންގެ ހިޔާއަކީ މަޖޫރީން ކުރަމުންދާ ބުރަ މަސައްކަތުގެ ތެރޭގައި އަރާމުކޮށްލުމަށް ހުޅުވުނު އިމާރާތެއް ކަމަށެވެ.
މަޖޫރީންގެ ހިޔާ ހުޅުވުމާ ގުޅިގެން ޕީއެސްއެމްއާ ވާހަކަދައްކަމުން މަޖޫރީން ބުނީ މިވޭތުވެދިޔަ 25 ވަރަކަށް އަހަރު ދުވަހު މަސައްކަތުގައި އުޅެންޖެހުނީ ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް މިސަރުކާރުން މަޖޫރީންގެ ހާލުބަލައި އެކަންތައްތަކަށް ހައްލު ހޯދައިދެއްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
މަޖޫރީންގެ ހިޔާއަކީ މަޖޫރީން ބޭނުންވާ ގޮތަށް ޖާގައިގެ ގޮތުން ތަނަވަސް ދެފަންގިފިލާއަކަށް އިމާރާތް ކޮށްފައިވާ ޒަމާނީ އިމާރާތެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.