ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން މިފްކޯއާ ހަވާލުކޮށްފި


  • ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާއެއް އޮތް

  • ދޭންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ މިފްކޯއާ ހަވާލުކޮށްފައި

ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިފްކޯއާ ހަވާލުކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާބެހޭ ވަޒީރު ވަނީ މަސްވެރިންނަށް ފައިސާ ދޫކުރުމާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް މިއުނދަގޫ ހާލަތުގައިވެސް މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދައްކަމުންގޮސް، ހުރިހާ ފައިސާއެއް ދައްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާލީ ވުޒާރާއިން މިހާރު މިފްކޯއަށް ދޫކޮށްފައި ކަމަށެވެ. އަދި އޮޑިވެރިންނަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ކުރަމުން އަންނަ ކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކަށް މިރޭ ނޫނީ މާދަމާ ފައިސާ ޖަމާކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެނޫން ބޭންކެއްގެ އެކައުންޓެއް ގެންގުޅޭ ފަރާތެއް ކަމުގައިވާނަމަ މާދަމާއަކީ ބަންދު ދުވަހެއް ކަމުގައިވުމުން ފައިސާ ޖަމާކުރުމުގައި ލަސްވެެދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތްކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފައިސާ ނުދީ އޮތުމަށްފަހު އެހާ ބޮޑު އަދަދެއް ދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި ނަމަވެސް އެކަން ފަސޭހަވީ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތުންކަމަށެވެ.

"އެހާ ގިނަދުވަހު އެފައިސާ ނުދެވި އޮވެފައި އެހާ ބޮޑު އަދަދެއް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ނަމަވެސް ރައީސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވައިފި ފިނެންސް މިނިސްޓްރީއާއެކު އަދި މިފްކޯވެސް ހިމަނައިގެން. މިމާލީ އުނދަގުލާ އެކީގައި އެމަނިކުފާން އެތައް އޮކޭޝަންއެއްގައި ވިދާޅުވެފައި އެބަވޭ ނުދެއްކި ހުރި ފައިސާ ދެއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާ ވާހަކަޔާއި އަދި ވަކިން ހާއްސަކޮން ރަމަޟާން މަސް ކުރިމަތިވާތީއާ އެކީގައި ރަމަޟާން މަހުގެ ކުރިން މިފައިސާ ދެއްކޭނެ ދުވަސްތަކެއްގެ ވާހަކަވެސް ވިދާޅުވި" ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް މިފްކޯއިން ނުދީ ހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވަނީ މިމަހު ހާމަކުރައްވާފައެވެ. އަދި އެ ފައިސާ ހަމަޖައްސައިދެއްވުމަށްފަހު ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރައްވާގޮތަށް ބަދަލުކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.