ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ ދިވެހި އަސްކަރިއްޔާ އިސްޖަހާލަން ޖެހުނު ހާދިސާއެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސިފައިންގެ ޚިދުމަތަށް 124 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ދިވެހި އަސްކަރިއްޔާ ހިންގެވުމަށް އައި ބައެއް ބަދަލުތަކާއި އެކުގައި އަސްކަރިއްޔާގެ ޖުމްލަ ތަރައްޤީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ ކުރިއަށްރޭވިފައިވާ މަސައްކަތްތަކާއި މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތަކަށް އަލުއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މަސްކަނޑުތައް ބެލެހެއްޓުމަށް އިތުރު ހެލްކޮޕްޓަރެއް ރާއްޖެ ގެނެވޭނެ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އިތުރަށް ބެލެހެއްޓުމަށްޓަކައި ހަތިޔާރު އެޅި އުޅަނދުތައް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާޑާ ސިސްޓަމްތައް ގާއިމްކުރުމާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފަށައިގެންފައިވާ ކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާތީ އަތޮޅުތެރޭގެ 3 ސަރަހައްދެއްގައި އަލިފާން ނިންވާ ސެންޓަރުތަކެއް ޤާއިމްކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޕްރެޝަރުގައި ފެނާއި ލޮނު ޖެހޭނެ ގޮތަށް އިންތިޒާމްތަކެއް ހަމަޖައްސުމުގެ މަސައްކަތް ވެސް ފައްޓަވާފައިވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމަވާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
ސިފައިންގެ ޚިދްމަތަށް 124 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ސިފައިންނަށާއި ސިފައިންގެއަށް އެކިއެކި މުއައްސަސާތަކާއި ވަކި ވަކި ފަރުދުން ކޮށްދީފައިވާ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޝަރަފުގެ ފިލާ ދެއްވާފައިވެއެވެ.
ސިފައިންގެ ތެރެއިން ވޭތުވެދިޔަ އަހަރު ފަޚުރުވެރި ކާމިޔާބީތައް ހޯއްދަވާފައިވާ ސިފައިންނަށް ޚިދުމަތުގެ އައްޑަނަވެސް ރޭގެ ރަސްމިއްޔާތުގައި ހަވާލުކުރައްވާފައިވެއެވެ.