ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަކަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ފައިސާތަކެއް ވަދެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެވެ.
ފުލުހުން މިހެން ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން ފުލުހުންނާއި އޭސީސީން ކުރިއަށްގެންދިޔަ ތަހުޤީޤާއި ގުޅޭގޮތުން ނޫސްވެރިންނަަށް މައުލޫމާތޫ ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިދިޔަ ސަރުކާރުގައި އުފެއްދި ކުންފުންޏެއްކަމަށްވާ އާރުޑީސީގެ އެކައުންޓަކުން، އެ ކުންފުނީގެ ވެރިއެއްގެ އެކަންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލަ ފެންމަތިވެގެން އެ މައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ ނޮވެމްބަރުމަހުއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް ވިދާޅުވީ މި މައްސަލައިގެ ގޮތުން ތަހުޤީގުކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވިޔަސް، އެ މައްސަލައިގެ ތަހުގީގަށް ގިނަ ކަންތައްތަކެއް ހާމަވެފައިވާކަމަށެވެ. އެގޮތުން މިމައްސަލައިގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާކަމަށާއި އަދި އެތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަމަށެވެ. އަދި މިއިން ކޮންމެ ޓްރާންސެކްޝަން އެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ހިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުޤީޤަށް ހާމަވާކަމަށެވެ.
ފުލުހުން ވިދާޅުވީ އާރުޑީސީގެ ހިނާޔާތުގެ ފައިސާ ވަދެފައިވާ އެކައުންޓް ހޯދައި، އެކަމާއި ގުޅޭގޮތުން ކުރިއަށްދާ ތަހުޤީޤަށް ބޭންކުތަކުން ފުރިހަމަ އެއްބާރުލުންދެމުންދާކަމަށެވެ. އަދި މިހާރު އޭސީސީއާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދައިގެން މިމައްސަލައިގެ އެންމެ ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގެ ތަހުޤީޤަށް ފުލުހުންނާއި އޭސީސީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ. ނަމަވެސް ފުލުހުން އާރްޑީސީއަށް ވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.