ޚަބަރު

ޓީވީއެމްގެ ކުރީގެ މުވައްޒަފުންގެ އެސޯސިއޭޝަނެއް އުފައްދަނީ


ޓީވީއެމްގައި ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްކުރެއްވުމަށްފަހު ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ އެލަމްނައި އެސޯސިއޭޝަނެއް އުފެއްދެވުމަށް އެބޭފުޅުން ނިންމަވައިފިއެވެ. 

ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގައި މަސައްކަތްކުރެއްވުމަށްފަހު ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުން އެލަމްނައި އެސޯސިއޭޝަނެއް އުފެއްދެވުމަށް ނިންމެވިކަން އިޢުލާންކުރެއްވީ ޓީވީއެމްގައި ކުރި މަސައްކަތްކުރެއްވި ގިނަ ބޭފުޅުންތަކެއް ރާނބާ ރެސްޓޯރެންޓްގައި ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައެވެ. އެލަމްނައިއަކީ ކުރިން ޓީވީއެމްގައި މަސައްކަތްކުރެއްވި މުވައްޒަފުން ޓީވީއެމްއަށް ފައިދާ ހުރި ކަންތައްތަކެއް ކޮށްދެއްވުމުގެ މަޤުޞަދުގައި އެ މުވައްޒަފުން އަމިލަފުޅަށް އުފައްދަވާ އެސޯސިއޭޝަނެކެވެ. މި ޙަފްލާފައި ވާހަކަދައްކަވަމުން، މިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ޓީމްގެ މެމްބަރެއްކަމަށްވާ ޠައްޔިބް މުޙައްމަދު ވިދާޅުވީ، އެލަމްނައި އުފެއްދެވުމުގައި ޓީވީއެމްގައި ޙަރަކާތްތެރިވެވަޑައިގެންފައިވާ ގިނަޢަދަދެއްގެ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާތީ، ތަފާތު އެހީތައް ޓީވީއެމްއަށް ދެވިގެންދާނެ ކަމަށާއި ޓީވީއެމްއިން ބޭނުންވާ ކޮންމެ ކަމެއްގައި އެ އެސޯސިއޭޝަނުން އެއްބާރުލުން ދޭނެކަމަށެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ކުރީގެ އިމްފޮމޭޝަން މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮންމެ ކުންފުންޏަކުން ޓީވީއެމް ހިންގިޔަސް ޓީވީއެމްއިން ގެނެސްދޭ ޕްރޮގްރާމްތަކަކީ މުޅިރާއްޖެއަށް ފެތުރިގެންދާ ނުފޫޒްގަދަ ޕްރޮގްރާމްތަކެއް ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14614749913088.jpg|ޓީވީއެމް ކުރީގެ މުވައްޒަފުން ބޭއްވި ހަފްލާގައި ކުރީގެ އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ޓީވީއެމްގައި މީގެ ކުރިން މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންތަކއް ގުޅިވަޑައިގެން، މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް މިހާރު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ބައެއް ބޭފުޅުން މި ޙަފްލާއަށްޓަކައި ރާއްޖެ ވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.

މުނިފޫހި ފިލުވުމުގެ ފޯރިގަދަ ޙަރަކާތްތަކާއެކު ބޭއްވި މި ޙަފްލާގައި ބައިވެރިވި ކޮންމެ ބޭފުޅަކަށް ވަނީ އިނާމް ދެއްވާފައެވެ. އަދި ޤުރުއަތުން ހޮވުނު ވަކިވަކި ބޭފުޅުންނަށްވެސް އަގުހުރި އިނާމްތަކެއް ދެއްވިކަން ފާހަގަކޮށްލެވެއެވެ.