ކުޅިވަރު

ސުއަރޭޒްގެ ހަތަރު ލަނޑާއިއެކު ބާސާއަށް ބޮޑު މޮޅެއް


 ސުއަރޭޒް ޖެހި ހަތަރު ގޯލާއިއެކު ސްޕޯޓިން ގިޚޯންގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފިއެވެ. 

ސްޕެނިޝް ލަލީގާގައި ރޭ ސްޕޯޓިން ޚީޚޯން އަތުން ބާސެލޯނާ މޮޅުވީ ހަޔެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ. 

މެޗުގައި ބާސާގެ ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒެވެ. މި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑަކީ ދެ ޕެނަލްޓީކަން ފާހަގަކޮށްލެވެއެވެ. ސުއަރޭޒްވަނީ މި މެޗުގެ ކުރިން ލީގުގައި ބާސެލޯނާ ކުޅުނު މެޗުގައިވެސް ހަތަރު ލަނޑު ޖަހާފައެވެ. އަދި ރޭގެ ހަތަރު ގޯލާއިއެކު އޭނާވަނީ ލަލީގާ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. 

ރޭގެ މެޗުގައި ބާސެލޯނާގެ އަނެއް ދެ ލަނޑު ޖަހައިދިނީ ލަޔަނެލް މެސީ އަދި ނޭމާއެވެ. މެޗުގައި ނޭމާ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. 

ރޭގެ މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެޓީމް އަދިވެސް އޮތީ ލަލީގާ ތާވަލްގެ އެއްވަނާގައެވެ. ރޭ ކުޅުނު މެޗް ކާމިޔާބުކުރި އެތްލެޓިކޯ މެޑްރިޑަށްވެސް ބާސެލޯނާއާއި އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ ކުރީގައި އޮތީ މިދެޓީމް ބައްދަލްކުރި ދެމެޗުން ބާސެލޯނާއަށް ކުރި ލިބޭތީއެވެ. ސްޕެނިޝް ލީގުގައި ގޯލް ތަފާތަކަށް ނުބަލައެވެ.

މި ދެޓީމަށްވުރެ އެއް ޕޮއިންޓް ފަހަތުން ތާވަލްގެ ތިންވަނާގައި އޮތީ ރިއާލް މެޑްރިޑެވެ. ރިއާލްވެސްވަނީ ރޭ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ. ރަޔޯ ވަޔޮކާނޯއާއި ދެކޮޅަށް ރިއާލް މެޑްރިޑް ވާދަކުރި މެޗް އެޓީމް ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ.