ޚަބަރު

މިދިޔަ މަހު ބޭރުގެ އެއަރލައިންތަކުން ރާއްޖެއަށް ކުރި ޝެޑިއުލް ދަތުރުތައް އިތުރު


  • މިދިޔަ މަހު ފްލައިޓް މޫމަންޓްސް އުޅެނީ 1630 ގައި

  • ފަތުރުވެރިން ޒިޔާރަތްކުރި އަދަދު %11.5 އިތުރު

މިއަހަރުގެ ޖަނަވަރީ މަހު ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކޮށްފައިވާ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ މޫމަންޓްސް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ މޫމަންޓްސް އުޅެނީ 1630 ގައެވެ.

މީގެތެރެއިން 1418 ދަތުރަކީ ޝެޑިއުލްކޮށްގެން ކޮށްފައިވާ ދަތުރުތަކެކެވެ. އަދި 212 ދަތުރަކީ ޖެނެރަލް ފްލައިޓެވެ. ނުވަތަ ޝެޑިއުލްކުރުމަކާއި ނުލާ ކޮށްފައިވާ ދަތުރުތަކެވެ. މީގެތެރޭގައި އެއަރލައިންތަކުންކުރާ ޗާޓަރ ދަތުރުތަކާއި އަދި ޕްރައިވެޓް ޖެޓްތައްވެސް ހިމެނެއެވެ.

2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއައި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ޝެޑިއުލް މޫމަންޓްސް އުޅެނީ 1398 ގައެވެ. އަދި ޖެނެރަލް ފްލައިޓް މޫމަންޓްސް އުޅެނީ 275 ގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 192،385 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %11.5 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 61732 އެވެ. އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %71.7 ގައެވެ.