ކުޅިވަރު

ބަލިވުމުގެ ސިލްސިލާއަސް ބާސާ ނިމުން ގެނެސްފި


ބޮޑު މޮޅަކުން ބާސެލޯނާގެ ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފިއެވެ. 

ލީގުގައި ވިދިވިދިގެން ވީ ތިން ބައްޔަށްފަހު ރޭ ބާސާ ބޮޑު މޮޅަކާއެކު ހިތްވަރު ހޯދީ ޑިޕޯތިވޯލަކަރޫނާއާއި ވާދަކޮށް އަށެއް ސުމަކުން ކުރި ހޯދައިގެންނެވެ. 

މެޗުގެ ތަރިއަކަށްވީ ހަތަރު ލަނޑު ޖެހި ލުއިސް ސުއަރޭޒްއެވެ. އަނެއް ހަތަރު ލަނޑު ޖެހީ އިވާން ރަކިޓިޗް، ލަޔަނެލް މެސީ، ޑީފެންޑަރ މާރކް ބާތްރާ އަދި ނޭމަރއެވެ. 

އަށް ލަނޑުގެ ތެރެއިން ހަ ލަނޑު  ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ. ރޭގެ މެޗުގައި ސުއަރޭޒް ވަނީ ސީޒަންގައި ސާޅީސް ނުވަ ގޯލް ހަމަކޮށް، އެހެން ކުޅުންތެރިން ލަނޑު ޖެހުމަށްވެސް އެހީވެދީފައެވެ. 

މެޗަށްފަހު ސުއަރޭޒް ބުނީ އަހަރެމެންނަކީ މެޝިންތަކެއް ނޫންކަމަށާއި، ދަށްކޮށްދާ މެޗުތަކާއި ރަނގަޅަށްދާ މެޗުތައްވެސް އަންނާނެކަމަށެވެ. ސުއަރޭޒް ބުނީ  މިހާރު މުޅި ބާސެލޯނާ އޮތީ ވަރަށް އެކުވެރިކަމާއިއެކު ލީގް ކާމިޔާބުކުރުމުގެ އަޒުމުގައިކަމަށެވެ. 

"ދަށްކޮށްދާ ދުވަސް ދުވަސްވެސް އަންނާނެ، މިއަދު މީ ހުރިހާކަމެއް ރަނގަޅަށް ދިޔަ ދުވަހެއް، ޓީމް އޮތީ ވަރަށް އެއްބައިވަންތަކަމާއިއެކު ލީގް ހޯދުމުގެ އަޒުމުގައި" ސުއަރޭޒް ބުންޏެވެ.

ކޯޗު ލުއިސް އެންރީކޭ ބުނީ ލީގުގައި އަދި ބާކީ ހަތަރު މެޗު އެބައޮތްކަމަށާއި، ލީގަށް ކުރާ ޗެލެންޖް ފަސޭހަނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު މެޗުވެސް ފަސޭހަނުވާނޭކަމަށާއި މިއަދު ފެނިގެން މިދިޔައީ ފާޑުކިޔާ ފަރާތްތަކަށް އެކަށީގެންވާވަރުގެ ރައްދެއްކަމަށް އޭނާ ބުންޏެވެ. 

"އަދިވެސް ލީގް ލިބޭނެ ޓީމެއް ބުނަން ދަތި، ކުރިއަށް އޮތް ހަތަރު މެޗް ފަސޭހަ ނުވާނެ، އަޒުމަކީ ލީގް ދިފާއުކުރުން" އެންރީކޭ ބުންޏެވެ.

ރޭގެ މޮޅާއެކުވެސް ބާސާއަށް ލީޑް ނުހޯދުނީ އެތްލެޓިކޯ މެޑްރިޑްވެސް އެޓީމް ކުޅުނު މެޗު ކާމިޔާބުކުރުމުންނެވެ. ރޭ އެތްލެޓިކް ބިލްބާއޯއާއި ދެކޮޅަށް ކުޅުނު މެޗް އެތްލެޓިކޯ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެތްލެޓިކޯއަށް ޖަހައިދިނީ ފެނާންޑޯ ޓޮރޭޒްއެވެ. 

އެތްލެޓިކޯވެސް މޮޅުވުމާއެކު ބާސާ އަދި އެތްލެޓިކޯ މެޑްރިޑްވެސް ލީގުގައި އޮތީ ހަތްދިހަ ނުވަ ޕޮއިންޓާއެކުގައެވެ.