ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުންނަށް، ގެދޮރުވެރިކުރުވުމުގެ ސްކީމެއް


ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒު ކުރައްވައިގެން ގެދޮރުވެރިކުރުވުމުގެ ސްކީމެއް ތަޢާރަފްކުރެއްވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސީ.އެސް.ސީން މިކަން ހާމަކުރެއްވީ އެކޮމިޝަންގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒު ކުރައްވައިގެން ހައުސިންގ ސްކީމެއް ތަޢާރަފް ކުރެއްވުމަށް ރާއްވަވައި ހައުސިންގް މިނިސްޓްރީއާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ހައުސިންގ މިނިސްޓްރީ މިކަމަށް ވަރަށް އުންމީދީ ޖަވާބެއް ދެއްވާފައިވާކަމަށާއި، މިފަދަ ސްކީމެއް ވަރަށް އަވަހަށް ތަޢާރަފް ކުރައްވާނެކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

ސިވިލް ސަރވިސް މުއައްޒަފުންނަކީ އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހެއްގެ ހުރިހާ މަސައްކަތްތައް ކުރަން ދަންނަ، މަލްޓި ޓާސްކް މުއައްޒަފުންނަށް ހެއްދެވުމަށް ހައިބްރިޑް މޮޑެލްއެއް ތަޢާރަފް ކުރައްވައި، މުއައްޒަފުން އެކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ. މި މޮޑެލްއަށް ފުރިހަމައަށް ޢަމަލުކުރައްވަން ފެއްޓެވުމާއިއެކު ސިވިލް ސަރވިސް ޙިދުމަތްދޭ އޮފީސްތަކުންދޭ ޚިދުމަތްތައް އެތައްގުނައެއް އަވަސްވެ، ޚިދުމަތުގެ ކޮލިޓީ ރަނގަޅުވެގެންދާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވަމުން ޑަރ. ޝަމީމް ވިދާޅުވީ ކޮމިޝަނަށް ބޭނުންވާ ވަރަށް ބަޖެޓް ނުލިބުމުގެ ސަބަބުން ކޮމިޝަނުން ރާއްވަވާފައިވާ ބައެއް ކަންކަން ނުކުރެވި ވާކަމަށެވެ. މީގެ އިތުރުން ސިވިލް ސަރވިސް ވަޒީފާތަކާއި، ދަޢުލަތުގެ އެހެން މުއައްސަސާތަކުގެ އެފަދަ މަޤާމުތަކުގެ މުސާރަތަކާ ދެމެދު ހުރި ފަރަޤު ކުޑަކުރެއްވުމަށް ސިވިލް ސަރވިސް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނެވުމަށް ކުރައްވަމުންދާ މަސައްކަތްތަކުން މިހާތަނަށް ނަތީޖާއެއް ނެރެވިފައި ނުވާކަން އެކޮމިޝަންގެ އަހަރީ ރިޕޯޓްގައި ފާހަގަކުރައްވައިފައިވެއެވެ. ސިވިލް ސަރވިސް އޮފީސްތަކަށް ފަސޭހައިގެން ގުޅޭނެ އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި އޮފީސްތަކުގައި ހޮޓްލައިން ނަންބަރެއް ޤާއިމުކުރެއްވުމާމެދު މަޝްވަރާ ކުރައްވަމުންދާކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައި ކޮމިޝަނުން ކުރެއްވުމަށް ކަނޑައަޅުއްވައިފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައިސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ސިވިލް ސަރވިސް އޮފީސް ތަކަށް އަމާޒު ކުރައްވައިގެން ހިއުމަން ރިސޯސް އޮޑިޓެއް ހިންގެވުމަށް ހަމަޖެހިފައިވާކަމަށާއި، މި އޮޑިޓްގެ ސަބަބުން ސިވިލް ސަރވިސްއަށް ދަޢުލަތުން ކުރައްވާ ހޭދަ ކުޑަކުރެއްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވި ޚަރަދު ކުޑަކުރެއްވޭނެކަމަށެވެ.

2015 ވަނައަހަރުގެ ނިޔަލަށް ސިވިލް ސަރވިސް ޚިދުމަތްދޭ ޖުމްލަ 225 އޮފީސް ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން 2015 ވަނައަހަރުގެ ނިޔަލަށް ސިވިލް ސަރވިސް މުއައްޒަފުންގެ ޖުމްލަ ޢަދަދަކީ 24696. ވޭތުވެދިޔަ އަހަރު ސިވިލް ސަރވިސް ވަޒީފާތަކަށް މުޅިން އަލަށް 1387 ފަރާތަކަށް ވަޒީފާ ދީފައިވެއެވެ. އަދި އެކި ސަބަބުތަކާހުރެ 1345 ފަރާތެއް ވަޒީފާއިން ވަކިކުރެވިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.