ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމުގައި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަކީ މުހިންމު ބައިވެރިއެކެވެ. 15 މާރިޗު 1978ގައި ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން މިވީ 45 އަހަރު ތެރޭގައިވެސް ދެޤައުމުން އައީ އެ ގުޅުން ދަމަހައްޓަމުންނެވެ.
ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތީއްސުރެ ޔޫއޭއީން ރާއްޖެއާއެކު ބާއްވަމުން އައި ގުޅުން އިތުރަށް ބަދަހިވެ ޚާއްޞަ ގާތްކަމެއް އަންނަނީ ބާއްވަމުންނެވެ. އެކަން ހާމަވާ އެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޔޫއޭއީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް އެޤައުމަށް ވަޑައިގަތުމެވެ. ޔޫއޭއީ ސަރުކާރުން ފޮނުއްވި ޚާއްޞަ ފުލައިޓެއްގައި ރައީސް ޔޫއޭއީއަށް ކުރެއްވި އެ ދަތުރުފުޅުވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ނަފާއެއް ކުރި ދަތުރުފުޅަކަށެވެ.
އެ ދަތުރުފުޅުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، މަޑުޖެހިފައި އޮތް ރާއްޖޭގެ މައި އެއަރޕޯޓު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޮޑު މާލީ އެހީއެއް ލިބިގެން ދިއުމެވެ. 80 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ޔަޤީންވެގެން ދިޔައެވެ.
އޭގެފަހުންވެސް ރައީސް ވަނީ ޔޫއޭއީއަށް ދަތުރުފުޅެއްކުރައްވާފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީވިލާތަށްފަހު ރައީސް ޔޫއޭއީއަށް ވަޑައިގެންނެވިއެވެ. އެއީ ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކޮޕް-28 ސަމިޓްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް (އައިއެސް.ޑީ.ބީ)ގެ ރައީސް ޑޮކްޓަރ މުޙައްމަދު އަލް ޖާސިރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވަނީ ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ރާއްޖޭގައި މައިކްރޯ ފައިނޭންސް ބޭންކެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާ އެކަމުގެ ޔަޤީންކަން ލިބިގެން ގޮސްފައެވެ. އަދި ޒަކާތު ހައުސް ބިނާކުރުމާއި، ވަޤުފް ޕްރޮގްރާމެއް ހިންގުމަށްވެސް އެހީ ލިބޭނެކަން ޔަޤީންވިއެވެ.
ރައީސް ޑރ. މުޢިއްޒު މިފަހަރު ޔޫއޭއީއަށް މި ވަޑައިގަތީ ދުބާއީގައި ބާއްވާ 2024ވަނަ އަހަރުގެ ވޯލްޑް ގަވަމެންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގައި ރައީސް ޔޫއޭއީއަށް ވަޑައިގަތީ އެޤައުމުގެ ސަރުކާރުގެ ޚާއްޞަ ފުލައިޓެއްގައެވެ.
ވޯލްޑް ގަވަމެންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޔޫ.އޭ.އީ.ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތު ލިބިވަޑައިގަންނަވާ ޤައުމުތަކުގެ ވެރިން އެކަންޏެވެ.
2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ސަމިޓުގެ ދަޢުވަތު ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެއެވެ. މިއީ މި ސަމިޓު ބާއްވާ 11 ވަނަ އަހަރެވެ. ނަމަވެސް މީގެ ކުރިން މި ސަމިޓުގައި ރާއްޖޭގެ ފަރާތުން މުޅިންވެސް ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނެވެ. އެހެންކަމުން މިއީ މި ސަމިޓުގައި ރާއްޖޭގެ އެންމެ އިސްވެރިއަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިކަމުންވެސް ރާއްޖެއާއި ޔޫއޭއީ ސަރުކާރުގެ ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދެއެވެ.
މި ސަމިޓުގައި ރައީސް ތަޤްރީރުކުރައްވާނެއެވެ.
އަދި މި ސަމިޓުގެ ހަވާސާގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް, ވޯލްޑް ބޭންކް, އައިޑީބީ، އަބޫދާބީ ފަންޑުގެ އިތުރުން ޔޫއޭއީގެ ވެރިޔާއާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.
މިއަހަރުގެ ވޯލްޑް ގަވަމެންޓްސް ސަމިޓްގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ "ޝޭޕިންގ ފިއުޗަރ ގަވަމެންޓްސް" އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނާއި އަމިއްލަ ސިނާޢަތްތަކުގެ ލީޑަރުން އެއްތަނަކުން ބައްދަލުވެ ސަރުކާރު ހިންގުމުގައި މުސްތަޤުބަލުގައި ކުރިމަތިވެދާނެ ހުރަސްތައް ނައްތާލެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ސަމިޓެކެވެ.
"ޝޭޕިންގ ފިއުޗަރ ގަވަމެންޓްސް" މާނައަކީ މުސްތަޤުބަލުގެ ސަރުކާރުތައް ބައްޓަންކުރުމެވެ.
މިއަހަރުގެ ސަމިޓްގައި ޚާއްސަގޮތެއްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ އިންސާނިއްޔަތަށް އުފާ ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން މައިގަނޑު 6 ކަމަކަށް އަލިއަޅުވާލުމަށް ނިންމާފައިވެއެވެ.
އޭގެތެރޭގައި:
ދުނިޔޭގެ ކަންކޮޅުތަކުގައި ޤައުމުތަކުގެ ސަރުކާރުތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ހަލުވިކަމާއެކު ކުރިއަށްގެންދިޔުމާއި، ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރުން. އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އުފެދިދާނެ ބައިބައިވުންތައް ނައްތާލުން، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ޤައުމުގެ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތްތައް ހެދުން.
ކުރިއަށް އޮތް ދިހަ އަހަރާ ވިހި އަހަރާ ދެމެދުގެ މުއްދަތުގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރާ، މުޅި ދުނިޔެއަށް އެކަމުގެ ބަދަލު އައުން. ހަމައެއާއެކު ޓެކްނޮލޮޖީ ކުރިއަރަމުން ދިޔުމާއި، ބަދަލުވަމުން އަންނަ ދިރިއުޅުމުގެ ވައްޓަފާޅިތަކާއެކު ސަރުކާރުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ޤަވާއިދުތަކާ، ސުލޫކީ މިންގަނޑުތައް ކަނޑައަޅުމުގެ މުހިންމުކަން.
ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމާމެދު ދެކޭ ގޮތް ބަދަލުކުރުން. މިއަދު ހަލުވިކަމާއެކު ބަދަލުވަމުންދާ އިޤްތިޞާދުގައި ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުތައް ވާދަވެރިކަމާއެކު ދެމި ތިބުމަށް އައު ގޮތްތައް ހޯދުން ވަރަށް މުހިންމުކަން. މި ބަދަލުތައް ގެނައުމަށްޓަކައި ސްޓްރެޓެޖީތައް އެކުލަވާލުމަކީ، މުސްތަގުބަލުގައި ހަރުދަނާ، ތަނަވަސް އިޤްތިޞާދުތަކެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއްކަން.
މުސްތަޤުބަލުގެ ޖީލުތަކާއި ތައުލީމު. މުސްތަޤުބަލު ބިނާކުރުމަކީ މުޖުތަމައުތަކާއި ތައުލީމާ ޓެކްނޮލޮޖީގެ ތެރެއިން ގުޅުވާލެނޭ ގޮތްތައް ހޯދުން.
ދެމެހެއްޓެވިނި ސަރުކާރެއް ހިންގުމަށްޓަކާއި، އިޤްތިޞާދުގެ ތެރެއިން ކާބޯތަކެއްޗާއި ސާފުބޯފެނާއި، ހަކައިތައިގެ ރައްކާތެރިކަމުގެ އުސޫލުތައް އަލުން ބައްޓަންކުރުން. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އަމިއްލަ ފަރުދުން، މިވަސީލަތްތައް ހަމަހަމަކަމާ އިންސާފުވެރިކަމާއެކު ހަރުދަނާ ގޮތެއްގައި ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރަންޖެހޭއިރު، ދިގު މުއްދަތުގެ އުސޫލުތައް އެކަށައެޅުން.
ރަށްވެހިކަމާއި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެންގެ ސިއްހަތަށް ސަމާލުކަންދިނުން. ދެމެހެއްޓެނިވި ގޮތަކަށް، އެންމެން ބައިވެރިވެގެން ހިންގާ ސިޓީތަކަށް ދިރިއުޅުން ބަދަލުކުރުމަކީ ދުނިޔޭގެ އެންމެންގެ ދުޅަހެޔޮކަމާ ގުޅި ލާމެހިފައިވާ ކަމެއްކަން.
ރައީސްގެ މި ދަތުރުފުޅުގައި މިސަމިޓުގެ ބޭރުންވެސް މުހިންމު ކަންކަން ކުރިއަށްދާނެއެވެ. ރައީސްގެ ތަސައްވުރުގައި ހިމެނޭ ދިވެހިން ބޭސްފަރުވާއަށް ޔޫއޭއީއަށް ފޮނުވުމާއި ގުޅޭ މުހިންމު ބައެއް ނިންމުންތައް މިދަތުރުފުޅުގެ ތެރޭން ނިމިގެންދާނެއެވެ.
އެހެންކަމުން ރައީސް ޑރ. މުޢިއްޒު ތިން މަސްދުވަހުގެ ތެރޭގައި ޔޫއޭއީއަށް ކުރައްވާ 3 ވަނަ ދަތުރުފުޅަކީވެސް އުންމީ ދަތުރުފުޅެކެވެ. ރާއްޖޭގެ ތަރައްޤީއާއި އައު އިންވެސްޓްމަންޓްތަކަށް ހުޅުވިގެންދާނެ އައު ދޮރަކަށް މިދަތުރުފުޅު ވެގެންދާނެއެވެ.