ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފަށާ މަސައްކަތާއި ދެކޮޅު ހެދުމަކީ ލަދުވެތިކަމެއް: ރައީސް


  • އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިސްތިޤްލާލު ދެމެހެއްޓުމަށް މަސައްކަތް ފެއްޓެވި

  • ބޭރުގެ ސިފައިން ރާއްޖޭގައި ހުރެގެން ނުވާނެކަމަށް ވިދާޅުވި

  • ހައިޑްޯގްރަފީ ހަދާނީ ދިވެހި އަސްކަރިއްޔާއިން އަމިއްލައަށް

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެއްހެއްޓުމަށް ކުރާ މަސައްކަތާއި ދެކޮޅަށް ދިވެހީންގެ ތެރެއިން ބަޔަކު މަސައްކަތްކުރުމަކީ ލަދުވެތިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާލުވީ ތ.ވޭމަންޑޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވޭމަންޑޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްތައް ތަފްސީލްކޮށް ބަޔާންކޮށްދެއްވާފައެވެ.

ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫންކަމަށާއި، އެކަން ކުރަން އެމަނިކުފާނު ފެއްޓެވުމުން އެކަމާއި ދެކޮޅަށް ބައެއް ދިވެހިން ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތައް ކުޑަނަމަވެސް، ކަނޑުގެ ސަރަހައްދު ބޮޑުކަމަށާއި، އެއީ 974000 އަކަ ކިލޯމީޓަރުކަމަށެވެ. އެ ބިޔަ ބޮޑު ސަރަހައްދު ރާއްޖެއަށް މިހާތަނަށް ބެލެހެއްޓިފައި ނެތްކަމަށާއި، އެ ސަރަހައްދަކީ ރައްޔިތުން އިޤްތިޞާދީ ނަފާ ހޯދުމަށް އޮތް ސަރަހައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސަރަހައްދުގައި އެކަށީގެންވާގޮތުގައި މިހާތަނަށް މަސްވެރިކަން ކުރެވިފައި ނެތްކަމަށާއި، އެ ސަރަހައްދުން ރެޔާ ދުވާލު މަސްވެރިކަންކޮށް ފުރިހަމަ ބޭނުން ކުރެވިއްޖެނަމަ ފަތުރުވެރިކަމަށްވުރެ ބޮޑަށް ފައިދާވާ ސިނާއަތަކަށް މަސްވެރިކަން ވާނެކަމަށެވެ.

“އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ އެތެރެ ބަލަހައްޓަންޖެހޭނީ އެހެން ބަޔަކު އައިސްގެންތޯ ނޫނީ އަޅުގަނޑުމެން އަމިއްލައަށް ކެޕޭސިޓީ އިތުރުކޮށްގެންތޯ ސުވާލަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ބާރުގަ އަމިއްލަ ކެޕޭސިޓީގައި މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ.” ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަށަން ތައްޔާރުވަމުން އަންނަކަމަށާއި ލަސްތަކެއް ނުވެ އެކަން އަމަލީގޮތުން ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަދައްކާ މީހުންނަންނަކީ ދިވެހިވަންތަ ބައެއްތޯ ރައީސް ސުވާލުކުރެއްވިއެވެ. އަދި އެއީ ޤައުމުދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫންކަމަށާއި، އަމިއްލަ ބާރުވެރިކަން އިތުރުކުރާ ވާހަކަ ދެއްކުމުން އެކަމަށް ދޭންޖެހޭނީ ހިތްވަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނާމެދު ރައްޔިތުން ވިސްނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށްކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގްލާލަށް އިހްތިރާމްކުރާނަމަ ރާއްޖެއިން ދުޝްމަން ވާނެ އެއްވެސް ޤައުމެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން އެއްވެސް ޤައުމަކާ ދުޝްމަނުވެގެން ނޫޅޭކަމަށާއި ނަމަވެސް އެ ދުޝްމަނުކަން އުފެއްދުމަށް ބަޔަކު މަސައްކަތްކުރާކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު އެކަމާ ނޫޅުނުނަމަ މިހާރު މިދިމާވާ އެއްވެސް ކަމެއް ނާންނާނެނޫންތޯ. ވިސްނާލީމަ އެނގިވަޑައިގަންނަވާނެ. މިޤައުމުގައި އެއްވެސް ޤައުމެއްގެ ސިފައިންގެ މީހުން ތިބެން ބޭނުން ނުވާކަމަށް ވިދާޅުވެ ހަވާލުކުރި ޒިންމާ އަދާކުރުންމަތީގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު މިއަދާ ހަމައަށްވެސް އަޅުގަނޑު މިހުރީ. އެކަން މިކުރަނީ އެކަން ކުރަން އޮންނަ ރިވެތި އުސޫލުން. އަޅުަގނޑު ދެންނެވި ޑިޕްލޮމެސީގެ ރިވެސޫލުގެ ދަށުން ހިމޭން، އަޚްލާގީގޮތުން ކަންކަން ކުރަން އޮންނަން ބީދައިން ކުރީމަ އެކަން ވާނީ. އެގޮތުގައި ކަންކަން މި ހިނގަނީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން ބޭނުން ވަނީ އަމިއްލަވަންތަކަމާއެކު އިޤްތިޞާދީ ބާރުވެރިކަމާއެކު ކުރިއަށްދާންކަމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ގެއްލުނު ކަނޑުގެ ބޮޑު ސަރަހައްދު ހޯދުމުގެ މަސައްކަތްވެސް ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަމުން އަންނަކަމަށާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތް ބޮޑުކަމުން ނަގާ ވަގުތު އިތުރުކަަމަށް ރައީސް ވިދާޅުވިއެވެ.

“އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަކުރަން. ބޭރުގެ މާހިރުންނާ ރާއްޖޭގައި ތިބި މާހިރުން އެކުވެގެން މަސައްކަތްކުރަމުން މިދަނީ. ރައްޔިތުން ހަވާލުކުރި ޒިންމާއެއްގައި އެންމެ އިންޗިއެއްގައިވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަމޭ. އެގޮތުގައި މި މަސައްކަތްކުރަނީ. ކަނޑުން ދޫކޮށްލި ބޮޑުބައި، ޒިންމާޒާރުކަމެއް ނެތި ޤާނޫނާ ޚިލާފަށް ދޫކޯށްލި ބައި ހޯދުމުގައި ފަހަތަށް ނުޖެހި ކުރިއަށްދާނަން. އިރާދަކުރެއްވިއްޔާ އެކަންވެސް ހާސިލްކޮށްދޭނަން ރައްޔިތުންނަށް.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ޤައުމެއްގެ މިލްކަކަށް ރާއްޖޭގެ ކަނޑުވެގެން ނުވާނެކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހިމެނޭ ކޮންމެ އެއްޗަކީ ރާއްޖޭގެ މިލްކެއްކަމަށެވެ.