ޚަބަރު

ޕީއެޗްޑީއަށް ކިޔެވުމަށް މިހާތަނަށް 11 އިމާމުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ: ޝަހީމް


  • ފުރުސަތު ލިބޭ ފަރާތްތައް މިއަހަރުގެ ތެރޭގައި ކިޔަވަން ފޮނުވޭނެ

  • އިމާމުންގެ ތެރޭގައި އިތުރަށް ތަޢުލީމު ހާސިލްކުރަން ބޭނުންވާ މީހުން އެބަތިބި

މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެޗްޑީއަށް ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 11 އިމާމަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގައި ތިބި އިމާމުންގެ ތެރޭގައި އިތުރަށް ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތައް ތިބިކަމަށެވެ. އެފަރާތްތަކުން އިތުރަށް ކުރިއަށްދާން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ޝަރުޢީ ޢިލްމުގެ ދާއިރާ އާއި އިސްލާމީ ޢިލްމުގެ ދާއިރާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ އިމާމުންގެ ތެރޭގައިވެސް މަތީ ތަޢުލީމް ހާސިލްކޮށްފައިވާ ފަރާތްތަކުން ތިބުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

"ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އިމާމުން ތަމްރީންކުރުމަށް ޕީއެޗްޑީއަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ޢިއުލާންކުރެވޭނެ. އިމާމުން ފޮނުވާނެ ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ބްރޫނާއީ ފަދަ ގައުމުތައް ހިމެނޭ. އަދި ސައުދީ ޢަރަބިއްޔާގެ ބައެއް އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާކޮށް އެޤައުމުތަކަށް ފޮނުވޭނެ." ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ބައެއް އިމާމުންނަކީ އާއިލާގެ ކައިރީގައި ތިބެގެން ތަޢުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށްވުމާއި އަމިއްލަ ރަށުގައި ވަޒީފާގައި އުޅެމުން އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށްވާތީ އެފަދަ މީހުންނަށް
އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މާސްޓަރސް ނުވަތަ އެއަށްވުރެ މަތީ މަރުހަލާގެ ކޯސްތަކުގައި އިމާމުން ބައިވެރިވުމަށް ފުރުސަތު ހޯދާދިނުމަށް ވާހަކަދެކެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކި ޤައުމުތަކުގައި ޕީއެޗްޑީއަށް ކިޔެވުމަށް ފުރުސަތު ލިބޭ އިމާމުން މިއަހަރު ތެރޭގައި އެޤައަމުތަކަށް ފޮނުވޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ތިއްބެވި އިމާމުންނަކީ ފިޤުހުގެ ޢިލްމާއި ދީނީ އެނޫން ކަންކަމަށްވެސް ވަރަށް މޮޅެތި ބޭފުޅުންކަމަށެވެ. އެހެންނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދީނީ ކަންކަމަށް މީހުން އަހުލުވެރިކުރުވުމާއި ދީނީ ކަންކަން މީހުންނަށް ފަސޭހަކޮށްދެއްވުމުގައި ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި ބޭނުންކޮށްފައިވާ އީޖާދީ ވިސްނުންތައް ބަލާ އެކަންކަމަށް އަހުލުވެރި ބަޔަކަށް އިމާމުން ހެދުމަކީ މުހިންމު ކަމެއްކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.