މިސަރުކާރު ގެނައީ ރައްޔިތުންކަމަށާއި، ސަރުކާރު ދަހަމަހައްޓާނީވެސް ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދަޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތ. ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ, ރައްޔިތުން އަދިވެސް ތިބީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ދެއްވި ތާޢީދުގެ މަތީގައިކަމަށާއި, އެ ތާޢީދު އަދިވެސް އިތުރުވަމުން އަންނަކަމަށެވެ. ރައްޔިތުން ތިބީ ރައީސްގެ ތަރައްޤީއަށް ބޭނުންވެ ސަރުކާރާއެކު ކުރިއަށް ދިއުމަށްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ވަކި މީހަކަށްވުރެ މުޅި ޤައުމު ބޮޑުވާނެކަމަށާއި, މިސަރުކާރު ގެނައީ ރައްޔިތުންކަމަށާއި, މި ސަރުކާރު ދަމަހައްޓާނީވެސް ރައްޔިތުންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާކަމަށާއި, އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މުހިންމުކަމަށް ޢަބްދުއް ރަހީމް ވިދާޅުވިއެވެ. ގިނަ ޤާނޫނުތަކެއް ގެންނަން އެބަހުރިކަމަށާއި, އެކަމަށްޓަކައި އަޣްލަބިއްޔަތު ބޭނުންވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ފައިދާހުރި މަސައްކަތެއް ކުރާތަނަކަށް ހަދަން ޖެހޭކަމަށާއި, އެކަން ކުރެވޭނީ ސަރުކާރަށް އެ އެއްބާރުލުން މަޖިލީހުން ލިބިގެންކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހީންގެ ރާއްޖެ ހޯދުމަށް ކުރާ ދަތުރުގައި މަޖިލީހަށް އެންމެ ބޮޑު އިންސައްތައެއް ސަރުކާރަށް ލިބޭނީވެސް ގުރައިދޫން ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ ތި ރައްޔިތުންގެ އުންމީދުގައި ކުލަ ޖައްސައިދޭނެ ހަމައެކަނި ރައީސަކީ ޑރ.މުޢިއްޒޭ. ތިބޭފުޅުން ވަރަށް ދިގު އިންތިޒާރެއް ކުރައްވައިފީމު. ތިބޭފުޅުންގެ ރަށާދޭތެރޭ ތިބޭފުޅުން ވަރަށް ފޮނި އުންމީދުތަކެއް ވަރަށް ޒަމާންތަކެއް ވަންދެން ކުރައްވައިފި. އެއުންމީދު ޙާސިލެއް ނުވޭ މިހާތަނަށް އައިއިރު. އެކަމު އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ފޮނި އިންތިޒާރަށް ނިމުން ގެނެސްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން. އެމަނިކުފާނު". ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. އެމަނިކުފާނު ރައްޔިތުންނަށް މާ އުފާވެރި ދުވަސްތަކެއް ހޯދައި ދެއްވާނެކަމަށާއި, ދިވެހީންގެ ރާއްޖެއިން ފެންނާނީ އަމާންކަމާ އުފާފާގަތިކަންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އަދި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، ހަތުރުން ފާރަވެރި ކަޅިއަކުން ކަންކަން ބަލަމުންދާއިރުވެސް އަދި ހިތްހަމަ ނުޖެހި ފިލާ ތިބެ ބަލަމުން ގެންދާއިރުވެސް، ރައީސުލްޖުމްހޫރިއްޔާގެ ޢިއްޒަތާއި އިތުބާރާއި ހައިބަތު، އެމީހުންގެ ކުރިމަތީގައި އުފުލިގެންދަނީ އެމަނިކުފާނު ދެކެ ލޯބިން ތިބި ރައްޔިތުންގެ ހިތުގައި އިޚްލާސްތެރި ލޯތްބެއް އޮތުމުންކަމަށެވެ،
“އަޅުގަނޑުދެކޭގޮތުގައި އެމަނިކުފާނު ގަދަބަސް ވިދާޅުވާތީއެއް ނޫން. އެމަނިކުފާނުވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް ދެކެވަޑައިގެން ކުރައްވާ ކަމަކުންނެއްވެސް ނޫން. އެމަނިކުފާނު ރައްޔިތުންނަށް ކުރައްވާ ގަދަފަދަ އަމުރަކުންނެއްވެސް ނޫން. އެއީ ވަރަށް މަޑުމައިތިރިކަމާއެކު ލޯތްބާއެކު ރައްޔިތުންނާ މުޚާޠަބު ކުރެއްވިކަމުގައި ވިޔަސް އެމަނިކުފާނުގެ ދޫފުޅަކީ ވަރަށް ތޫނު ހަތިޔާރަކަށްވީތީ. އެބަހުގެ މުރާދަކީ ދޫފުޅުން ވިދާޅުވާ ބަސްފުޅުގެ ތެދުކަން". ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ރައީސް ގުރައިދޫއަށް ވަޑައިގަތުމުންވެސް ހާމަވަނީ އެމަނިކުފާނުގެ ތެރުވެރިކަމާއި އިޚްލާސްތެރިކަން ކަމަށެވެ.