މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްއެއް ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.
އެމްއައިބީގެ ހުޅުމާލެ ޑޮލަރު އޭޓީއެމް ހުޅުވާފައިވަނީ މިހާރުވެސް ހުޅުމާލޭގައި ހުރި އެމްއައިބީގެ އޭޓީއެމް ބްރާންޗްގައެވެ. މިތަނުގައި ދިވެހި ރުފިޔާ ނެގޭ 2 އޭޓީއެމްވެސް ހުރެއެވެ. މި ބްރާންޗް ހުންނަނީ ހުޅުމާލެ ވަން އެވެނިއު ތިރީގައެވެ.
އެމްއައިބީން ބުނީ މި ޑޮލަރު އޭޓީއެމްގައި ޑޮލަރު ނެގުމާއި އަދި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށެވެ. މި އޭޓީއެމުން އަމިއްލަ ފަރުދުންނަށާއި އަދި ވިޔަފާރިތަކަށް ދުވާލަކަށް 1600 ޑޮލަރު އަދި މަހަކަށް 10،000 ޑޮލަރު ނެގޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވޭއިރު ވިޔަފާރިތަކަށް ދުވާލަކު 32،000 ޑޮލަރު ޖަމާކުރެވޭނެއެވެ.
ހުޅުމާލޭގައި ހުޅުވި ޑޮލަރު އޭޓީއެމާއެކު މިހާތަނަށް މާލޭގެ 3 ސަރަހައްދެއްގައި އެމްއައިބީގެ ޑޮލަރު އޭޓީއެމް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މާލެ ފާމުލަދޭރި ބިލްޑިންގައި ހުރި 2 އޭޓީއެމާއި، މެރިން ޑްރީންގައި ހުރި 1 އޭޓީއެމްގެ އިތުރުން ހުޅުމާލޭގައި ހުޅުވި އޭޓީއެމްއެވެ.
އެމްއައިބީން ދަނީ ކަސްޓަމަރުންނަށް ޚިދުމަތްދޭ ވަގުތު އިތުރުކޮށް، އެ ބޭންކުގެ އޭޓީއެމްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއައިބީން މިހާރު ޚިދުމަތް ދެމުން އަންނަނީ ހެނދުނު 8:30 އިން 2:00 އަށެވެ. ނަމަވެސް ގެނެވުނު ބަދަލާއެކު 8:30 އިން 4:00 އަށް ވަނީ ބޭންކިން ގަޑިތައް އިތުރުކޮށްފައެވެ. މީގެ އިތުރުން ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވިނަމަވެސް އެމްއައިބީ ބަންދު ނުވާނެކަމަށް އެ ބޭންކުން ބުނެއެވެ.