ޚަބަރު

ނާގޯށި ތަރައްޤީކުރާނީ އެމްޓީޑީސީން، އަމާޒަކީ 2 އަހަރުތެރޭ ނިންމުން: އަހްމަދު ނިޔާޒް


  • ނާގޯށި އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރު

  • މިހާތަނަށް 2 ކުންފުންޏަކަށް މަސައްކަތް ހަވާލުކުރި

  • 37% މަސައްކަތްވަނީ ނިމިފައި

ހދ. ނާގޯށި ދެން ތަރައްޤީ ކުރާނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ކަމަށާއި، އަމާޒަކީ ދެއަހަރުތެރޭ މަޝްރޫޢު ނިންމުން ކަމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ. ނިޔާޒު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ހދ. ނާގޯއްޓަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރަން ދޫކޮށްފައިއޮތް ރަށެކެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އޭރު އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ކުންފުންޏަކަށެވެ. އެފަރާތުން ޚަރަދުކޮށް މަސައްކަތްތަކެއްވެސް ކުރިކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. ނަމަވެސް 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތާއި ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ.

2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިޔާޒް ވިދާޅުވީ، މިހާރު އެމްޓީޑީސީގެ ވިސްނުން ހުރީ އެހެން ކުންފުންޏަކަށް ހަވާލުކުރުމުގެ ބަދަލުގައި އެކުންފުނިން ނާގޯށި ތަރައްޤީކުރުންކަމަށެވެ. ނިޔާޒް ވިދާޅުވީ މިއަދު އެމްޓީޑީސީގައި އެ ގާބިލްކަން ހުރިކަމަށާއި، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރާއެކު އެކިއެކި ބައްދަލުވުންތައްވެސް ބާއްވަވާފައިވާކަމަށެވެ. އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

"ފައިނޭންސް ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް މިކަން ކުރިއަށްގެންދެވޭނެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހުރިހާ ކަންކަމެއް ރަނގަޅަށް ކުރިއަށް ގޮއްސިއްޔާ އިރާދަކުރެއްވިއްޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މިރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އަޅުގަނޑުމެންނަށް ފެށޭނެ. %37 މިރަށުގައި ނިމިފައި ވުމާއެކީގައި ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ނިންމަންޖެހޭ ބައި ކުރިއަށްއޮތް ދޮޅު އަހަރެއް ނުވަތަ 2 އަހަރު ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް އަޅުގަނޑުމެންނަށް ނިންމާލެވޭނެ." އަހްމަދު ނިޔާޒް ވިދާޅުވިއެވެ.

ހދ. އަތޮޅަކީ ފަތުރުވެރިކަން މިހާރު ތަރައްޤީވެފައި ނެތް ސަރަހައްދަކަށް ވުމުގެ ސަބަބުން މިރަށް ތަރައްޤީވެގެންދިއުންވާނީ އެ ސަރަހައްދުގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށެވެ.

"އަޅުގަނޑަށްވެސް އިނގޭ ރައްޔިތުންގެވެސް ޚާއްސަކޮށް ހދ. އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކާއި ގުޅިފައި ހުރި ކަމެއް މިކަމަކީ. މިތަން ހެދުނީމަ ނޫނީ އޮޕަރޭޝަންސްއަށް ގެނެވުނީމަ ހދ. އަތޮޅުގެ ރައްޔިތުންނަށް ޚާއްސަކޮށް އެ ސަރަހައްދުގެ ރައްޔިތުންނަށް މީގެ ނަފާ ވަރަށް ބޮޑުވެގެންދާނެ. ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދޭ. އަދި އެ ސަރަހައްދުގެ ދަނޑުވެރިކަމުގެ ސިނާއަތައްވެސް ހެޔޮ އަސަރުތަކެއް ކުރާނެ." އަހްމަދު ނިޔާޒް ވިދާޅުވިއެވެ.

އެމްޓީޑީސީން ވިދާޅުވީ، މިރަށުގެ ކުރެހުންތަކާއި ހުރިހާ ކަމެއް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާގޮތުން މި ރަށް ނިމިގެން އަންނައިރު 128 ކޮޓަރި ހިމެނޭނެއެވެ. ނަމަވެސް ކޮޓަރީގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ.