ސަރުކާރުގެ އަމާޒަކީ ކުރިއަތް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ތެލަސީމިއާ އާބާދީ ކުޑަ ކުރުން ކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނެއް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސިއްހަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 17 އިންސައްތައަކީ ތެލަސީމިއާ ނުވަތަ އެކަމުގެ އަލާމަތް ހުރި މީހުންކަމަށެވެ. މި ކަމަށް ފިޔަވަޅު ނާޅައިފިނަމަ މި ނިސްބަތް މައްޗައް ދިޔުމަކީ އެކަށީގެންވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކެމްޕެއިންނާއެކު ރާއްޖޭގައި މިހާރު އޮތް ތެލަސީމިއާ އާބާދީ ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ކުރިއަތް އޮތް 10 އަހަރު ތެރޭގައި ތެލަސީމިއާ އާބާދީގެ ދެބައިކޮށްފައި އެއްބައި މަދުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑުމެން އުންމީދު މި ކުރަނީ އަޅުގަނޑުމެން މިއަދު ފެށި މި މަސައްކަތުން ކުރިއަތް އޮތް 10 އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ތެލަސީމިއާ ބަލީގެ ނިސްބަތް 17 އިންސައްތައިން އޭގެ ދެބައިކޮށްފައި އެއްބައި 10 އަހަރު ދުވަހުގެ ތެރޭގައި ކުޑަ ކުރުމުގެ އުންމީދާއެކު އަޅުގަނޑު މަސައްކަތް މި ފެށި" ޚަލީލް ވިދާޅުވިއެވެ.
ސިއްހަތާބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ ތެލަސީމިއާ އާބާދީގެ ތެރެއިން 650 ކުދިއްނަކީ މިހާރުވެސް ލޭ އަޅަމުންދާ ކުދިންކަމަށެވެ. އެހެންނަމަވެސް މި ކުދިންނަށް ލޭ އެޅުމުގައި ދަތިތަކާއި ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޚާއްސަގޮތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތައް ރާއްޖޭން ނެހެދުމަކީވެސް ދިމާވާ ގޮންޖެހުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގައި ތެލަސީމިއާ ބަލި ތަހައްމަލް ކުރަމުންދާ ކުދިންގެ ތެރެއިން ބޯން މެރޯގެ ހެދުމުގެ ޚިދުމަތް ނުލިބޭ އެއްވެސް ކުއްޖެއް ނެތުންކަމަށެވެ. އެގޮތުން ރާއްޖޭގައި މުޅިން އަލަށް ހަދާ ތެލަސީމިއާ ހޮސްޕިޓަލާއެކު މި އަމާޒަށް ވާސިލުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.