ޚަބަރު

މަހަކު 4200 ރުފިޔާގެ ޑިސްކައުންޓަކާއެކު ވިނަރެސްއާ ގުޅޭ ރިޔާސީ ވަޢުދު ފުއްދަވައިފި


  • ވިނަރެސްގެ ކުލި ކުޑަކުރުމަކީ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭކަމެއް

  • ޑައުންޕޭމަންޓުން ވަނީ 50 އިންސައްތަ ކުޑަކޮށްފައި

ވިނަރެސް ފްލެޓްތަަކަށް މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ސަރުކާރުން ކުޑަކޮށްފިއެވެ.

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެޗްޑީސީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރުމުގެ ވައުދު ފުއްދެވުމަށް ހިމަނުއްވާފައިވަނީ ހަފްތާ 14 މަގުޗާޓުގައެވެ.

ވިނަރެސް ފްލެޓްތަކުން ކުލި ދެއްކުމުގައިި ދީފައިވާ ލުއިތަކާ ގުޅޭގޮތުން އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ "ލީސް ޓު އޯން މޮޑެލްގެ" އިންޓްރެސްޓް ރޭޓް %9 އިން %6 އަށް ކުޑަކުރުމުގެ އިތުރުން ފްލެޓުތަކުގެ ޑައުންޕޭމަންޓުން %50 ކުޑަކުރެވިފައިވާކަމަށެވެ. އެއާއެކު ޑައުންޕޭމަންޓު ދެއްކުމަށް 3 މަހުގެ ބަދަލުގައި 6 މަސް ދުވަސް ޑައުންޕޭމަންޓް ދައްކާގޮތަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިގެނެވުނު ބަދަަލުތަކާއެކު %6 އިންޓްރެސްޓް ރޭޓްގައި ފްލެޓަކަށް މަހަކު ދައްކަންޖެހޭ އަދަދުން އެވަރެޖްކޮށް 4،200 ރުފިޔާ މިހާރު ކުޑަކުރެވިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

މިގެނެވުނު ބަދަލުތަކާއެކު ވިނަރެސް މަޝްރޫޢިން ފްލެޓު ލިބުނު މީހުންގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފުލެޓް ގަނެފައިވާ ފަރާތްތަކަށްވެސް މި ލުއިތައް ލިބިގެންދާނެކަަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ފަރާތްތަކަށް ފައިސާ ދޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވިދާޅުވީ ކުލިތަކަށް ގެނެވުނު ބަދަލާއި ގުޅިގެން އެގްރިމެންޓްތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.